10 Aug 2016, 16:50
މި ސީޒަނަށް މެންޗެސްޓާ ޔުނައިޓެޑަށް ގެނައި ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް އެ ޓީމުގެ ކުޅުންތެރިން ހައިރާންކޮށްލުވައިފި ކަމަށް އެ ކްލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން ޔުނައިޓެޑާ ގުޅުނު ފޯވަޑް އެ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ގަލަތަސާރާއީ ކޮޅަށް ރީތި ގޯލެއް ކާމިޔާބުކޮށްދިނެވެ. އެއަށްފަހު އޭނާ ވަނީ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލެސްޓާ ސިޓީ އަތުން މޮޅުކޮށްދިން ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދީފައެވެ.
އިބްރަހިމޮވިޗް ވަނީ އޭނާ ކުޅުނު ކޮންމެ ކްލަބަކާ އެކު ކާމިޔާބީތަކެއް ހޯދައިފައެވެ. އަދި އުމުރުން 34 އަހަރުގެ ފޯވަޑާ އެކު އިންޓަ މިލާންގައި މަސައްކަތްކުރި އިބްރަހިމޮވިޗްގެ ފެންވަރު ޔުނައިޓެޑްގެ މިހާރުގެ ކޯޗު މޮރީނިއޯ އަށް ވަރަށް ރަނގަޅަށް އެނގޭނެ އެވެ.
"އެހެން ކުޅުންތެރިންނަށް އޭނާ ހައިރާންކަން ގެނުވައިދީފި. އަހަރެންނަކަށް ހައިރާންކަމެއް ނުލިބޭ. އެއީ އަހަރެންނަށް ވަރަށް ރަނގަޅަށް އިބްރަހިމޮވިޗްގެ ފެންވަރު އެނގޭ. ކުޅުންތެރިން ހައިރާންވާނީ އޭނާގެ ފެންވަރާ ހެދިއެއް ނޫން. އެއީ އެންމެންނަށް ވެސް އެނގޭ ކަމެއް. ހައިރާންކަން ލިބޭނީ ޓީމަށް އޭނާ ގެނުވި ހިތްވަރާއި އޭނާގެ އެހީތެރިކަން،" ބީޓީ ސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ، އިބްރަހިމޮވިޗް އަކީ ރަނގަޅު މީހެއް ކަމަށާއި އޭނާ ބުނާ އެއްޗެއް ބުނާނީ މަޖަލަކަށް ކަމަށެވެ. އަދި ކްލަބަށް އިބްރަހިމޮވިޗް ވިއްކާ އެއްޗަކީ އޭނާގެ ފެންވަރު ކަމަށް ވެސް ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.