ސައިކަލު ޓެކްސީގެ ޚިދުމަތް މާލޭގައި ދޭން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު މުޅިންހެން ބަލާފައި ވާނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ ޚިދުމަތް ދިނުމަށް ހޮވާފައިވަނީ ރައިޑްމޯލްޑިވްސް ޕްރައިވެޓްލިމިޓެޑާއި، ވީލް އެމްވީ ޕްރައިވެޓް ލިމިޓެޑްއެވެ. ލަސްވެގެން އަންނަ މަހުގެ ތެރޭގައި ހިދުމަތްދޭން ފެށުމަށް ވަނީ ނިންމާފައެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވީ ސައިކަލް ޓެކްސީ ކުރުމަށް ހުއްދަދޭނީ ކަސްޓަމަރުންނަށް ފަސޭހަވާ ކަހަލަ ސައިކަލު ތަކުގައި ކަމަށްވާއިރު ޑްރައިވަރުގެ މައުލޫމާތު ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި ލިބޭނެ ކަމަށެވެ.

އެހިދުމަތް ފޯރުކޮށްދިނުމުގެ އުސޫލުތައް ބައިނަލްއަގުވާމީ ފެންވަރެއްގައި ދިނުމަށް ނިންމާފައިވާއިރު ދިމާވާ މައްސަލަތައް ހައްލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހިދުމަތް ފަށާނީ މިހާރު ރާއްޖޭގައި ދުއްވާ ސައިކަލުތަކުގައި ކަމަށްވާއިރު ސްޓިކާއަކުން އެއީ ސައިކަލު ޓެކްސީއެއްކަން އިނގޭނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

ސައިކަލް ޓެކްސީތަކަށް ގެންނަ ބަދަލުތަކާއި ޑުރައިވަރުން ޔުނީފޯމް އަޅާ އުސޫލުފަދަ ކަންކަން އަދި އެއްކޮށް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދަތުރުތަކުގެ އަގެއް ވެސް ހާމައެއްނުކުރެއެވެ.

ދުނިޔޭގެ އެހެން ތަރައްގީ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ސައިކަލު ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައި އެންމެ ބޮޑު މަގުސަދަކީ ފަސޭހަ ދަތުުފަތުރެއްގެ ނިޒާމެއް ގާއިމު ކުރުމެވެ.