10 Aug 2016, 16:32
ޔޫއެފާ ސުޕަ ކަޕްގެ ތަފާތަކީ ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކަމަށް އެ ކްލަބުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ދިހަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާ އަތުން 3-2 ލަނޑުން މޮޅުވެ، ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ރެއާލް އިން ވަނީ ޔޫއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.
ރޭގެ މެޗުން ސެވިއްޔާ އަތުން 2-1 ލަނޑުން ބަލިވާން ދަނިކޮށް، ދެވަނަ ހާފުގެ އިތުރު ވަގުތުގައި ރެއާލް ސަލާމަތްކޮށްދިނީ ރާމޯސް އެވެ. އޭގެ ފަހުން ރެއާލް އަށް ޔޫއެފާ ސުޕަ ކަޕް ކާމިޔާބުކުރެވުނީ މެޗުގެ އިތުރު ވަގުތުގައި ޑިފެންޑަރު ޑަނީ ކާވޭހަލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރާމޯސް އެވެ.
"ސެވިއްޔާ އިން ދެއްކި ކުޅުމަށް މަރުހަބާ ކިޔަން ޖެހޭ. ސެވިއްޔާ އިން ވެސް ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. އެންމެ ފަހު ވަގުތު ކާމިޔާބު ލިބުނީ އަހަރެމެންނަށް. ރާމޯސް އަކީ އަހަރެމެންގެ ކެޕްޓަން އަދި އެއީ ޓީމަށް ވަރަށް ރަނގަޅު ކުޅުންތެރިއެއް. މެޗުގައި ތަފާތަކީ ވެސް އޭނާ،" މެޗަށް ފަހު ރެއާލްގެ ކޯޗު ޒިދާން ބުންޏެވެ.
ޒިދާން ބުނީ، ރާމޯސް އަކީ ކުރިއެރުންތައް ހޯދާ ވަރަށް ރަނގަޅު ކުޅުންތެރިއެއް ކަމަށާއި އޭނާ އަކީ އިތުރަށް އިރުޝާދުދޭން ނުޖެހޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ. އަދި ޔޫއެފާ ސުޕަ ކަޕްގައި ރާމޯސްގެ ބޭނުން ދައްކުވައިދީފި ކަމަށް ވެސް އޭނާ ބުންޏެވެ.
ރެއާލް އިން ރޭގެ މެޗުގައި ކުޅެފައި ވަނީ އެ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ނުލަ އެވެ. އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވޭލްސް ތަރި ގެރެތު ބޭލް އަދި ޖަރުމަން ތަރި ޓޯނީ ކްރޫސް ރޭގެ މެޗުގައި ފެނިފައެއް ނުވެ އެވެ.