މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސް ދިނުމަށް ފަހު، ދިޓީވީ އާއި ދިޕްލަސްގެ ޓްރާންސްމިޝަން ހުއްޓައިލަން އެ ދެ ޗެނަލް ހިންގާ ކުންފުނިތަކުން ނިންމައިފި އެވެ.

ބްރޯޑްކާސްޓިން މޯލްޑިވްސް އަދި މޯލްޑިވްސް މީޑިއާ ކޮމްޕެނީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިރޭ މެންދަމު 12:00 އިން ފެށިގެން ދިޓީވީ އާއި ދިޕްލަސްގެ ޓްރާންސްމިޝަން ހުއްޓައިލަން ނިންމާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެ ދެ ކުންފުނީގެ ހާލަތު މިހާރު ހުރި ގޮތުން އެ ދެ ކުންފުނިން ހިންގާ ޗެނަލްތައް ދެމެހެއްޓެނެވި ގޮތަކަށް ހިންގިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންކަމުން މިރެއިން ފެށިގެން އެ ދެ ޗެނަލް ހުއްޓާލުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

"މި ނިންމުމާ ގުޅިގެން މިހާރު ތިބި މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސް ދިންކަން ހުރިހާ މުވައްޒަފުންގެ މައުލޫމާތަށް ޓަކައި ދަންނަވާލަމެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް ކަނޑައެޅިފައިވާ މުސާރަ ދެމުން ގެންދާނެ ވާހަކަ ވެސް ދަންނަވަމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

އެ ދެ ކުންފުނިން ބުނީ އެފަދަ ނިންމުމެއް ނިންމަންޖެހުމުން އެކަމާ ހިތާމަ ކުރާ ކަމަށެވެ.

ދިޓީވީ އާއި ދިޕްލަސްގެ ޓްރާންސްމިޝަން މިރޭ ހުއްޓާލާއިރު ރާއްޖޭގައި ހިންގާ މީޑިއާތައް ބަންދު ކުރުމުގެ ބާރު ލިބިދޭ ގޮތަށް އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ބިލުގައި ބުނެފައި ވަނީ އަބުރާ ބެހެވޭ ފަދަ ޒާތުގެ ކޮންޓެންޓެއް، ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެ ނަމަ ލައިވް ފީޑު ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި އެކަން ހުއްޓުވުމުގެ ހައްގު އަބުރާ ބެހެވުނު ފަރާތަށް ލިބިގެންވެ އެވެ.

ބިލުގައި ބުނެފައިވާ ޖޫރިމަނާގެ އަދަދުތައް ކުޑަކޮށްފައެއް ނުވެ އެވެ. އެގޮތުން 50،000 ރުފިޔާ އިން ފެށިގެން 2،000،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާދަ ހަބަރު ފެތުރުމާއި އަބުރާ ބެހެވޭ ފަދަ ބަހެއް މީޑިއާއަކުން އާންމުކޮށްފި ނަމަ އެ މީޑިއާއެއް 50،000 ރުފިޔާއިން 2،000،000 ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.