27 May 2011, 16:40
މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ކުރިޔަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އުތުރާއި މެދު އަތޮޅުތަކަށް ގަދަ ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓީއޮރޮޖިކަލް ސާވިސް އިން ބުނެފި އެވެ.
ޑިއުޓީ ފޯކާސްޓާ ހަދީޖާ ނުސްރާ މިއަދު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރަ ހުޅަނގު މޫސުމާއެކު ދެމިގެންދާނެ ކަމަށާއި ކުރިޔަށް އޮތް ތިން ދުވަހު ވެސް ރާއްޖެއަށް ގަދަ ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ކުރިޔަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު އެންމެ ބޯކޮށް ވިއްސާރަ ކުރާނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށާއި މެދު ސަރަހައްދުގެ އަތޮޅުތަކަށް ކަމަށެވެ. ވިއްސާރަ ކުރާނީ ގަދަވަޔާއެކުގައި ކަމަށް ވެސް ފޯކާސްޓާ ވިދާޅުވި އެވެ.
"ވައި ހުރީ ވަރަށް ގަދަކޮށް، އުތުރާއި މެދު އަތޮޅުތަކަށް ބޯކޮށް ވިއްސާރަ ކުރާނެ، ދެކުނަށް ވެސް ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރާނެ." ފޯކާސްޓާ ވިދާޅުވި އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ މޫސުން ގޯސްވެ، ކުރިޔަށް އޮތް ތިން ދުވަހު ވެސް ގަދަ ވިއްސާރަ ކުރާނެތީ ދަތުރު ވެރިން އެކި ސަރަހައްދުތަކަށް ދަތުރުތައް ކުރުމުގެ ކުރިން މޫސުމަށް ސަމާލުވެ މޫސުމާބެހޭ މައުލޫމާތު ހޯދައިގެން ދަތުރު ކުރުމަށް އެ އިދާރާއިން އެދޭ ކަމަށެވެ.