10 Aug 2016, 15:13
ރާއްޖޭގެ ދީނީ ޖަމިއްޔާތަކަށް ޒަކާތު ފަންޑުން ފައިސާ ދެވޭނެ ގޮތެއް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވަން އަމިއްލަ ގޮތުން ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ޒަކާތު ފަންޑުން ފައިސާ ބަހާ އުސޫލު މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެގޮތުން، ދީނީ ޖަމިއްޔާތަކުގެ މާލީ ދަތިކަން ކުޑަ ކުރުމަށް ޒަކާތު ފަންޑުން ޖަމިއްޔާތަކަށް ފައިސާ ދެވޭނެ ގޮތެއް އެ އުސޫލުގައި ހިމެނުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ ޖަމިއްޔާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
އެގޮތަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވީ، މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ޖަމިއްޔާތަކުން އެ ފަރާތްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާ ގޮންޖެހުންތައް ހިއްސާކުރެއްވުމުން ނެވެ.
ޖަމިއްޔާތަކުން މިނިސްޓަރު ޒިޔާދާ ހިއްސާކުރެއްވި ބައެއް ދަތިތަކުގެ ތެރޭގައި ދީނީ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ޖާގަ ނުލިބުމުގެ މައްސަލައާއި ޖަމިއްޔާތަކުން އިންތިޒާމްކުރާ ހަރަކާތްތައް އިއުލާނުކުރުމާއި އިޝްތިހާރުކުރުމުގައި ދަތިތަކެއް ހުރިކަމަށް ފާހަގަ ކޮށްފައިވެ އެވެ.
ދީނީ ހަރަކާތްތަކެއް ކުރިއަށް ގެންދާ ޖަމިއްޔާތަކަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުވައިއެދަތިތައް ހައްލު ކުރުމުގައި މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށާއި ދީނީ އަމިއްލަ ޖަމިއްޔާތަކާއި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދެވެން ހުރި ހަރަކާތްތަކަކީ ކޮބައިކަން ދެނެގަނެ،އެކަންކަމަށް ޢަމަލީ ސިފައެއް ގެނެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ދައުވަތު ދީގެން ބޭއްވި މަޝްވަރާތަކުގައި 11 ޖަމިއްޔާއަކުން ވަނީ ބައިވެރިވެފައެވެ.