ހެންވޭރުގައި ހުންނަ މަސްޖިދުލް ތަޤުވާގައި ހުރި މީހެއްގެ ކަންފަތުގައި ދަތް އަޅައި ކަންފަތުގެ ބައެއް ވަކިކޮށްލި މީހާ ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސ. ހިތަދޫ ސްޓޯބަރީގެ އާސިމް އިބްރާހީމް،24، ގެ މައްޗަށް އެ ހުކުމް އިއްވީ ދައުލަތުން އުފުލި މީހެއްގެ ހަށިގަނޑަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.

އާސިމް ވަނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުވާ އަށް އިއުތިރާފުވެފައެވެ.

އުމުރުން 53 އަހަރުގެ ނ. ވެލިދޫ އަބްދު ﷲ ފާއިޒުގެ ކަންފަތުގައި ދަތްއަޅައި ކަންފަތުގެ ބައެއް ވަކިކޮށްލާފައި ވަނީ މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 9:30 ހާއިރު މަސްޖިދުލް ތަޤުވާގައި އޭނާ ނަމާދަށް ހުއްޓައި ކަމަށް އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

ފާއިޒުގެ ކަންފަތުގައި އޭނާ ދަތް އެޅީ ފޯނު ދިނުމަށް ބުނުމުން ފާއިޒު ފޯނު ނުދިނުމުންނެވެ. އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ރާއްޖެއިން ބޭރުން ވެސް ފާއިޒު ވަނީ އޭނާގެ ކަންފަތަށް ފަރުވާ ހޯދައިފައެވެ.


އެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަހައްދުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން އެކުށަށް ކަނޑައެޅޭނީ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލުހުކުމެކެވެ.

މައްސަލައެއްގައި އިޢުތިރާފްވެ، އެއީ އެފަދަ ފުރަތަމަ މައްސަލަކަމަށް ވާނަމަ، އާންމުކޮށް އަދަބު ދެނީ، ގާނޫނުގައި އޮންނަ އެންމެ ކުޑަ އަދަބެވެ. އެހެން ނަމަވެސް އާސިމްގެ މައްޗަށް އަދަބު ކަނޑައެޅުމުގައި، ކަން ކޮށްފައިވާ ތަނާއި، ކަންކޮށްފައިވާ ގޮތާއި ގެންލުންލިބިފައިވާ މިންވަރަށް ބަލައިފައި ވާކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ.

އާސިމަކީ ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތަކެއްގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.