10 Aug 2016, 15:15
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހަމަހަށް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފުކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެ މައްސަލަ މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅިކަން މަހުލޫފުގެ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ވަނީ 'ސަން' އަށް ކަށަވަރު ކޮށްދީފަ އެެވެ.
މަހުލޫފު ހަ މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދައުލަތުން އުފުލި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.
އެ ހުކުމް އިއްވި އިރު، ހަމަ މިފަދަ އެހެން ދައުވާއެއް ސާބިތުވެ މަހުލޫފް ގެންދަވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް އަދި އެ މައްސަލަ އިސްތިއުނާފެއް ނުކުރެ އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް މަހުލޫފް ބެރިކޭޑުތައް ކޮށްޕައި ދުރަށް ޖެއްސުމަށް ފަހު ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.
މަހުލޫފަށް އެ ހުކުމް އިއްވީ ގާނޫނު އަސާސީގެ 59 ވަނަ މާއްދާއަށް ރިއާޔަތްކޮށް ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ.