10 Aug 2016, 14:48
އާންމުންނަށާއި މީޑިއާތަކަށް ހިޔާލުފާޅު ކުރުން ހަނިކުރާގޮތަށް ހުށަހަޅައި މަޖިލީހުން އިއްޔެ ފާސްކުރި ބިލާ ދެކޮޅަށް އިއްޔެ ވޯޓު ދެއްވި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެޕާޓީގެ ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލިފުށި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
އުނގޫފާރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އެ ބިލު ފާސްކުރުމާ ދެކޮޅަށް ސަރުކާރަށް ނިސްބަތްވާ ތިން މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އެ ތިން މެމްބަރުން ބިލާ ދެކޮޅަށް ވޯޓު ދެއްވީ ޕީޕީއެމްގެ ޕީޖީ ގުރޫޕުން އެ ބިލާ ގުޅޭގޮތުން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށެވެ.
ރިޔާޒު މިއަދު "ސަން"އަށް ވިދާޅުވީ، އިއްޔެ ފާސްކުރި އަބުރުގެ ބިލާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުންނާއި މެދު ޕާޓީން ފިޔަވަޅު އަޅާނެ ކަމަށެވެ.

ޕީޕީއެމް ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު: ފޮޓޯ/ މަޖިލިސް
"އެއީ އަޅުގަނޑުމެން ޕީޖީ ގުރޫޕުގެ ތެރޭގައި މަޝްވަރާ ކުރަންވެސް ޖެހޭ ކަމެއް ނޫން ދެއްތޯ. ވިޕްލައިނާ ހިލާފުވި މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނަން،" ރިޔާޒު ވިދާޅުވިއެވެ.
ނަމަވެސް އެ މެމްބަރުންނާ މެދު އަޅާނެ ވަކި ފިޔަވަޅެއް ރިޔާޒު ވިދާޅެއްނުވެއެވެ.
އަބުރުގެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ޕީޕީއެމް މެންބަރުންގެ ތެރޭގައި ހިމެނެނީ، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއެވެ. އޭގެތެރޭގައި ފާރިސް އަށް މީގެކުރިން ވެސް ވަނީ ފިޔަވަޅު އަޅައިފައެވެ. އެއީ އާންމުކޮށް އިއުލާނު ކުރުމަކާ ނުލައި ފަތުރުވެރިކަމާ ގުޅޭ ކަންކަމަށް ރަށް، ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރުމާ ދެކޮޅަށް އޭނާ ވޯޓު ދެއްވުމުން ނެވެ. އަދި އޭނާ ވަކި ކުރުމަށް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ވަނީ ނިންމައިފައެވެ.
ނަމަވެސް ޕީޕީއެމުން ބުނީ ފާރިސްގެ ސުލޫކީ މައްސަލައެއް އެޕާޓީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
އިއްޔެ ފާސްކުރި އަބުރުގެ ބިލަށް ސަރުކާރަށް ނިސްބަތްވާ ތިން މެމްބަރަކު ވޯޓު ދެއްވާފައިވާއިރު ބައެއް މެމްބަރުން އިއްޔެގެ ޖަލްސާއަށް ހާޒިރުވެވަޑައެއްނުގަންނަވެ އެވެ. އެގޮތުން އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހިމެނެ އެވެ.
ސަލީމް ވިދާޅުވީ ކަންތައްތައް ގޯސްވާނަމަ ބަސް އިއްވުުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި ބުނާ ބަހެއްގެ ސަބަބުން އަދި ކުރާ ކަމެއްގެ ސަބަބުން އަޅާފާނެ ފިޔަވަޅަކަށް ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށެވެ.