ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މެޓްރޯ ޕޮލިސް ބިލްޑިންގައި ރެސްޓޯރެންޓް ހިންގަމުންދާ މީހުން ނެރެ އެތަން ހުސްކުރުމަށް ދެވަނަ ފަހަރަށް ފުލުހުންނަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

އެސްޓީއޯއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެތަނުގައި ރެސްޓޯރެންޓް ހިންގަމުން ދަނީ ނަޖާހް އާޓްސް ޕެލަސް ޕްރައިވެޓް ލިމިޓެޑުންނެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ އެ ދުވަހަށް ވާ ޖޫރިމަނާއާ އެކު ފައިސާ ހޯދުމަށާއި އެތަން ހުސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި އެސްޓީއޯ އިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

އެ މައްސަލަ ބަލައި މިދިޔަ އަހަރު ޑިސެމްބަރު ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ނުދައްކަވާ ކުއްޔާއި ޖޫރިމަނާއަށްވާ 2.8 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އެއް މަސް ދުވަހުގެ ތެރޭގައި ނަޖާހް އާޓްސް ޕެލަސް ޕްރައިވެޓް ލިމިޓެޑުގެ އެއްވެސް މުދަލެއް ހުރިނަމަ އެތަނުން ނެރި ތަން ހުސްކުރުމަށެވެ.

ނަމަވެސް ތަން ހުސްކުރަން އެންގިތާ މަސް ދުވަސް ވީއިރު ވެސް ނަޖާހް އާޓްސް ޕެލަސް ޕްރައިވެޓް ލިމިޓެޑުން ތަން ހުސްކޮށްފައި ނުވާތީ އެތަން ހުސްކުރުމަށް މި އަހަރުގެ މޭ މަހު ފުލުހުނަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ނަމަވެސް ފުލުހުން އެ އަމުރާ އެއްގޮތަށް ތަން ހުސްނުކުރުމުން މިދިއަ ހޯމަ ދުވަހު ސިވިލް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އެތަން ހުސްކުރުމަށް ދެ ވަނަ އަމުރެއް ނެރެފަ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ 'ސަން' އަށް ވިދާޅުވީ މޭ މަހު ފުލުހުންނަށް އެތަން ހުސްކުރަން އެންގި އިރު ނަޖާހް އާޓްސް ޕެލަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

އެހެންވެ ސުޕުރީމް ނެރިފައިވާ ރޫލިންގައިވާ ގޮތުގެމަތިން އިސްތިއުނާފު މަރުހަލާގައި މައްސަލަ އޮތުމުން ފުލުހުން ތަން ހުސް ނުކުރީ ކަމަށް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ. އަދި އިސްތޮއުނާފު މަރުހަލާގައި އޮއްވައި ތަން ހުސްނުކުރީ ލިބިދާނެ ގެއްލުމަކަށް ވިސްނުމަކަށް ފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލަ ހައިކޯޓުން ނުބަލަން ނިންމައި މައްސަލަ ބޭރުކޮށްލި ކަން ފުލުހުންނަށް ނޭނގޭ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

އޭގެ ފަހުން މިހަފްތާ ތެރޭގައި ސިވިލް ކޯޓުން މެޓްރޯ ބިލްޑިންގް ހުސްކުރުމަށް ކުރި އަމުރު ތަންފީޒުކޮށް އެތަން ހުސްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.