10 Aug 2016, 12:49
ނިއު ދިއްލީ (އޮގަސްޓް 10): އިންޑިއާ އިން ވެރިކަން ކުރާ ކަޝްމީރު ފަޅީގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރިންދުރަ މޯދީ ގޮވާލައްވައިފި އެވެ.
މޯދީ އެފަދައިން އިއްޔެ ވިދާޅުވީ ކަޝްމީރުގައި މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ، އަދި އޭގެ ސަބަބުން 55 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ހަނު ހުންނެވުމުގެ ސަބަބުން އޭނާ އަށް ގިނަ ބަޔަކު ފާޑު ކިޔާފައި ވަނިކޮށެވެ.
އިންޑިއާގެ ގައުމީ ޓީވީއަށް ދެއްވި ތަގުރީރެއްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ ހަމަލާތަކުގެ ފަހަތުގައި ވަނީ "މަގު އޮޅިފައިވާ" މަދު ބައެއް ކަމަށެވެ. އަދި އޭގެ ނޭދެވޭ އަސަރު ކުރަމުން ދަނީ ކަޝްމީރުގެ ޒުވާނުންނަށް ކަމަށެވެ.
"ކަޝްމީރުގެ އަމާންކަމާއި އެއްބައިވަންތަކަމާއި ހަމަޖެހުމަކީ އެންމެން ވެސް އެންމެ އިސްކަންދޭ ކަންތައް. ލެޕްޓޮޕެއް، ވޮލީބޯޅައެއް ނުވަތަ ކުރިކެޓް ބެޓެއް ގެންގުޅެންވީ ޒުވާނުންގެ އަތަށް ގާ [އުކަން] ދީފައި ވުމުން އަޅުގަނޑު ވަރަށް ހިތާމަ ކުރަން،" މޯދީ ވިދާޅުވި އެވެ.
އެހެންކަމުން ކަޝްމީރުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ދޭން ބޭނުންވާ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
ކަޝްމީރުގައި އޮންނަ އިންޑިއާގެ ވެރިކަމާ ދެކޮޅު ޖަމާއަތެއްގެ އިސް ކޮމާންޑަރެއްގެ ގަޔަށް މިދިޔަ މަހުގެ އަށް ވަނަ ދުވަހު އިންޑިއާ ފުލުހުން ބަޑި ޖަހާ މަރާލުމާ ގުޅިގެން އިންޑިއާއާ ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން ކުރާ މުޒާހަރާތައް ވަނީ އިތުރުވެފަ އެވެ. އޭގެ ސަބަބުން އިންޑިއާ އިން ކަޝްމީރުގައި ކާފިއު އިއުލާން ކުރި ނަމަވެސް މުޒާހަރާތައް ހުއްޓުމަކަށް ނާދެ އެވެ. އަދި ބައެއް މުޒާހަރާތައް ރޫޅާލުމުގެ ގޮތުން އިންޑިއާ ފުލުހުން ވަނީ އާއްމުންނާ ދިމާލަށް ރަބަރު އުންޑަ އާއި ކަރުނަ ގޭސް ޖަހައިފަ އެވެ. (ޑެއިލީ ޓައިމްސް)