27 May 2011, 16:07
ދެކެވުނު ވާހަކައެއްގެ ތެރެއިން އެއްދުވަހަކު ރައްޓެއްސަކު އެހި އެވެ. ވައިން ހަކަތަ ހޯދުމަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އަޅުގަނޑު ބުނީމެވެ. ކޮބައިހެއްޔެވެ؟ ބުނެބަލާށެވެ! އޭނާ ބުންޏެވެ. އެއީ ތިމާ ވަޒީފާ އަދާކުރާ ތަނެއްގައި ހުންނަ އެއްމެ އިސް ވެރިމީހާ، ނުވަތަ އިސްވެރިންނާ މާގާތްވެގެން، ތިމާގެ މޮޅުކަމާއި، އެހެން މީހުންނަށް ކަމެއް ނުކުރެވޭކަމާއި އަދި ކުރަން ނުވެސް އެނގޭކަން އެމީހެއްގެ "މޮޅު" ވާހަކައިން ދައްކަން މަސައްކަތް ކުރުމެވެ. މީގެ އިތުރުން ވެރިޔާއަށް ޚުޝާމަދުވެސް ކުރުމެވެ.
މިހާރު އެނގިއްޖެއޭ ބުނެ އަޅުގަނޑު ހިނިތުންވެލީމެވެ. އަނެއްކައިވެސް އޭނާ ފެށި އެވެ. އެކަމަކު ބުނަންހެއްޔެވެ؟ އެފަދަ މީހުން އަބަދުވެސް އުޅެން ޖެހޭނީ އެފަދަ ހާލެއްގަ އެވެ. ދުވަހަކުވެސް އެނޫން ގޮތެއް ނޯންނާނެ އެވެ. އެއީ ކީއްވެގެންހޭ އެހުމުން ވަރަށް ފަސޭހަކަމާއެކު އޭނާ ޖަވާބު ދިނެވެ. އެނޫން ގޮތަކަށް އުޅޭކަށް އެމީހުންނަކަށް ނޭނގޭނެ އެވެ. އުޅެން އުޅުނަސް ނުވެސް އުޅެވޭނެ އެވެ.
އެވާހަކަ އަޅުގަނޑަށްވީ ހެއްވާ ވާހަކައަކަށެވެ. އުޅެން އުޅުނަސް ނޫޅެވޭނެ ވާހަކައާއި އުޅެން ނޭނގޭނެ ވާހަކަ ބުނުމުންނެވެ. އޭނާ ވަރަށް މަޑުމައިތިރި ކަމާއެކު ބުންޏެވެ. ބުނަންހެއްޔެވެ؟ އެމީހުން ވައިން ހަކަތަ އެ ހޯދަނީ ކީއްވެގެން ކަން އެނގޭ ހެއްޔެވެ؟ އަމިއްލަ ސިކުނޑީގައި ހަކަތަ ހޯދާނެ އެހެން އެއްވެސް "ބާރެއް" ނެތީމަ އެވެ. އެފަދަ ކުޅަދާނަކަމެއް ގާބިލުކަމެއް އަމުދުން ނެތީމަ އެވެ. ދެން އުޅެން އުޅުނޭ ކިޔާފައި އުޅޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އަޅުގަނޑަށް އެއްބަސް ވުމުގެ ގޮތުން ބޯޖަހައިލެވުނެވެ.
އަޅުގަނޑުގެ ބޯޖަހައިލުން ވެެގެން ދިޔައީ އޭނާއަށް އިތުރު ހިތްވަރަކަށެވެ. އޭނާ ފޯރިއާއެކު ބުންޏެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އޭގެ އާޚިރު ނަތީޖާ ގިނަ ފަހަރު ނިކުންނާނީ ވަރަށް ހިތިކޮށެވެ. ކީއްވެގެންހޭ އަހައިލުމުން އޭނާ ބުންޏެވެ. ސާބަހެވެ! ވަޔަކީ އަބަދު ޖެހޭ އެއްޗެއް ހެއްޔެވެ؟ ދުނިޔެ މައްޗަށް ވައިރޯޅިއެއް ނުވާ ދުވަސް ދުވަސް ވެސް އާދެއެއް ނޫންހެއްޔެވެ؟ އެފަދަ ދުވަހެއް ހަމަ އައުމާއެކު އެއްކަލަ ކަލޭގެ ވައި ހިނދުނީ އެވެ. ހުރިތަނަށް ގުޅައަކަށް ޖެހޭނީ އެވެ. އަދިވެސް އޭނާ ކިޔައިދިނެވެ. މީގެ އެންމެ ނުރައްކާތެރި ކަމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އޭނާ ވައި ހޯދި ދުވަސް ވަރު، ވައި ހޯދަން ބޭނުން ކޮށްފައި ހުންނާނެ މައިގަނޑު ވަޞީލަތަކީ އެހެން މީހުންގެ ކައްޓެވެ. އެކަށިތައް ހަފައި ކޭކަން އެމީހުން ދަންނާނެ އެވެ. އެހެންވެ ވައި ހިނދިގެން ވެއްޓި އިނދަޖެހިފައި އިންނަ ވަގުތު ހަމްދަރުދީގެ ލޮލުން ބަލައިލާނެ މީހަކުވެސް އޮންނާނީ ނުވެފަ އެވެ. އެދުވަހު އިންނާނީ ވަރަށް ނިކަމެތި ހާލެއް ޖެހިފަ އެވެ.
އިރުކޮޅަކު އެއްޗެއް ނުބުނެ ވިސްނަން އިނދެވުނެވެ. ހިތަށް އެރި އެވެ. އެއީ ހާދަ ރަނގަޅު ވާހަކަ އެކެވެ. އަދި އެކަމަކީ އެއަށް ވުރެ ނުރައްކާތެރި ކަމެއްތާ އެވެ. ފުރަތަމަވެސް ފިކުރު ކޮށްލެވުނީ އަމިއްލަ ނަފުސާމެދުގަ އެވެ. އެފަދަ "ހަކަތައެއް" ހޯދަން އަނެއްކާ އަޅުގަނޑަށް މަސައްކަތް ކުރެވޭބާވަ އެވެ؟ ހިތަށާއި ސިކުނޑިއަށް ލިބުނީ ލުއިކަމެކެވެ. ﷲގެ އިރާދަފުޅުން އެފަދަ ކަމެއް ނުކުރެވޭކަން ޔަގީން ވުމުންނެވެ.
އެހެންނަމަވެސް ހަމަ އެވަގުތު ވެސް ހިތަށް ނުތަނަވަސްކަން ލިބިގެން ދިޔަ އެވެ. މި މުޖުތަމަޢުގައި އެފަދަ މީހުން ގިނައިން ނޫނަސް އުޅޭކަން ހިތަށް އަރާފަ އެވެ. އެފަދަ މީހުން އެފަދަ ކަންކަން އެ ކުރަނީ ކޮން މޮޅެއް ހޯދަން ބާވައޭ ހިތަށް އެރި އެވެ. ބައެއް މީހުން އުޅޭގޮތުން ހިތަށް އަރައެވެ. އެމީހުންގެ ވަޒީފާގެ މަސްއޫލިއްޔަތަކީ ވެރިޔާ ގާތު އެހެން މީހުންގެ ޝަކުވާ ކުރުންބާވަ އެވެ. ހަމަ ޔަގީނުންވެސް އެއްވެސް މީހެއްގެ ވަޒީފާގެ މަސްއޫލިއްޔަތުގައި މިފަދަ އިބާރާތެއް ލިޔެފައެއް ނޯންނާނޭކަން ކަށަވަރެވެ.
މިފަދަ ގޮތްގޮތަށް އުޅޭ މީހުންނާމެދު ވިސްނައިލުމުން، އޭގެތެރެއިން ގިނަ މީހުންގެ ކިބައިގައި ހުންނަ އެއްގޮތް އެއް ސިފަ އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. މަސައްކަތަށް ނާޤާބިލްކަމެވެ. ފަހަރެއްގައި ވެސް މި ދެންނެވީ ހުރިހާ މީހުންގެ ވާހަކަ އެއް ނޫނެވެ. އެކަމަކުވެސް ހަމަ ގިނަ މީހުންގެ ވާހަކަ އެވެ. ޚުދު އޭނާއަށް އެކަން ގަބޫލުކުރެވޭނެ އެވެ. ތިމާގެ ކިބައިގައި މިފަދަ މަގާމެއް ފުރާނޭފަދަ ފެންވަރެއް ނެތްކަމެވެ. އެކަން އެބަ ފޮރުވަން ޖެހެއެވެ. އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން ނެވެ. ފެންނަ އެންމެ މޮޅު ބޭހަކަށް ވަނީ ވެރިޔާ"އަތްދަށު" ލުމެވެ. އެކަކުގެ ވާހަކަ އަނެކަކުގާތު ދެއްކުމަކީ ކިތަންމެ ބޮޑު ފާފައެއްކަން އެނގުނަސް، އެހެން މީހުންނަށް ކަމެއް ނުކުރެވޭކަމުގެ ދޮގު ވާހަކަ ދައްކައިގެންނާއި، ތައުރީފުގެ ބަސްތަކުން ވެރިޔާ ފެންވަރުވައިގެން ވެރިޔާގެ ހިތް ފަތަޙަކުރުމެވެ. ނަތީޖާއަކީ އޭނާ ދައްކާ ކޮންމެ ވާހަކަ އެއް، ބުނާ ކޮންމެ ލަފުޒެއް، ވެރިޔާގެ ކުރިމަތީގައި ގުރުއާނުގެ އާޔަތަކާ އެއްފަދަ ވުމެވެ. ހުރިހާ "އަނިޔާއެއް" ތަހަައްމަލުކުރަން ޖެހެނީ އަމިއްލަ ވާޖިބު އަދާކުރުމުގެ ވަރުބަލިކަން އިހުސާސްކުރަމުން އަންނަ ހީވާގި ކުދިންކޮޅަށެވެ.
އަޅުގަނޑަށް ހުއްޓުން އަރާފައި މާ ގިނައިރު ހުރެވުނީ ކަންނޭނގެ އެވެ. އެކުވެރިޔާ ބުނި އަޑު އިވުނެވެ. ކިހިނެއް ވީހެއްޔެވެ؟ އަޅުގަނޑު އަވަސް އަވަހަށް ބުނީމެވެ. ތިދެއްކި ވާހަކައާ ދޭތެރޭ ވިސްނައިލީ އެވެ. އޭނާ ބުންޏެވެ. އާއެކެވެ. ވިސްނަންވާނެ އެވެ. އެކަމަކު ހިތާމައަކީ މިފަދަ މީހުންގެ ޖާދޫގައި ތަންތަނުގެ ވެރިން ޖެހޭލެއް ފަސޭހަ ކަމެވެ. އެކުވެރިޔާ ނައްޓާލައިފި އެވެ. އަޅުގަނޑުގެ ހިތަށް އެރި އެވެ. ރަނގަޅު ވާހަކަ އެކެވެ. "ވައިން ހަކަތަ ހޯދާ މީހުން" އެމީހުންގެ އާޚިރު ނަތީޖާއާ މެދުވެސް ވިސްނައިލާނޭ ނަމަ ކޮންފަދަ ހެއްޔެވެ؟