ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް ބަލަންދާ އާންމުން ތިބޭނެ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީ އިން އިއުލާނުކޮށްފި އެވެ.

ފުޑް އައުޓްލެޓަކާ އެކު "ބުރިޖް ވިއުއިންގް ޕްލެޓްފޯމް" އެއް ބުރިޖް އަޅާ ސަރަހައްދުގައި ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތަކަށް އެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ.

އެ މަސައްކަތަށް އެދި ހުށަހަޅާ ޕްރޮޕޯސަލް ހައުސިން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ ބުނެފަ އެވެ.

އެ އިއުލާނުގައި ބުނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ 13:00 ކަމަށެވެ.

ސިޓީއުރައެއްގައި ބަންދުކޮށް، ޕްރޮޕޯސަލް ހުށަހަޅަން އެދޭ ކަމަށާއި ސިޓީ އުރައިގެ ބޭރުގައި "ޗައިނާ-މޯލްޑިވްސް ބްރިޖް ވިއުއިންގ ޕްލެޓް ފޯމް" ތަރައްގީކޮށް ހިންގުން މިހެން ލިޔެފައި އޮންނަންވާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ބުރިޖުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ އިރު އެ މަސައްކަތް ބަލާލުމަށް ކޮންމެ ދުވަހަކު، ހާއްސަކޮށް ހަވީރު އެ ސަރަހައްދަށް މީހުން ޖަމާވެ އެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކަށް ވެސް ބައެއް ފަހަރު ބާރުބޮޑުވެ އެވެ.

ނަމަވެސް މިހާރު ހަދަން އުޅޭ ބުރިޖް ވިއުއިންގް ޕްލެޓްފޯމްގެ ސަބަބުން އާންމުންނަށް ހިތްހަމަ ޖެހިލައިގެން ބުރިޖް ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.