މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށް ފުލުހުންނާއި އަމާނާ ތަކަފުލް އިން ކެމްޕޭނެއް ފަށައި، އެ ކެމްޕޭނުގެ ދަށުން ސްޓިކާ ތަކަކާއި އަމާނާތަކަފުލްގެ ތާޑް ޕާޓީ އިންޝުއަރެންސް ޗެކްކުރެވޭނެ މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ހަދާފައިވާ ސްޓިކާތަކާއި ތާޑް ޕާޓީ އިންޝުއަރެންސް ޗެކްކުރެވޭނެ މޯބައިލް އެޕްލިކޭޝަން ތަޢާރަފްކޮށްދެއްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ޓްރެފިކް މައްސަލަތަކުގެ އިތުރުން އެހެން މައްސަލަތައް މަދުކުރުމަށްޓަކައި ފުލުހުންނަށް އެހީތެރިކަން ބޭނުންވާކަމަށެވެ.

އެގޮތުން އެ މަސައްކަތަށް އަމާނާ ތަކަފުލްއިން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.

އަމާނަތަކަފުލްގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން ވިދާޅުވީ، އެކުންފުނިން ރާއްޖޭގައި ހިންގާ އެކި ހަރަކާތްތަކާއި ޕްރޮގްރާމްތަކުގައި ބައިވަމުންދާކަމަށާއި އެގޮތުން ފުލުހުންނާއި ގުޅިގެން މީގެކުރިންވެސް ހޭލުންތެރިކުރުމުގެ ބައެއް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި ތައާރަފްކުރި ތާޑް ޕާޓީ އިންޝުއަރެންސް ޗެކްކުރެވޭ އެޕްލިކޭޝަންއަކީ މިފަދަ ގޮތަކަށް ރާއްޖޭގައި ނެރެވުނު ފުރަތަމަ އެޕްލިކޭޝަންކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ތަފާތު 6 ސްޓިކާއެއް ތަޢާރަފްކޮށްފައެވެ. އަދި ތަޢާރަފްކުރި މޯބައިލް އެޕްލިކޭޝަންގެ ސަބަބުން އަމާނަތަކަފުލް އިން ފޯރުކޮށްދޭ ތާޑް ޕާޓީ އިންޝުއަރެންސް ސްޓިކާއަކީ ސައްހަ ސްޓިކާއެއްތޯ އާއި އިންޝުއަރެއަރެންސް މުއްދަތު ހަމަވާ ތާރީހް ވެހިކަލް ރަޖިސްޓްރީ ނަންބަރު ބޭނުންކޮށްގެން ބަލާލެވޭނެއެވެ.