ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އެއްބަސްވެގެން ރާއްޖެ އައި ކަމަށް ތުހުމަތު ކުރެވޭ ސްރީ ލަންކާގެ ސުނައިޕަރެއް ކަމަށް ބުނާ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމަރުކޮށްފި އެވެ.

ލަހިރު މަދުޝަންކަ މަނިއްކު އަޑޫރާ ނަމަކަށް ކިޔާ "ސްނައިޕަރު" ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ.

އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރީ ދައުލަތުން އޭނަ އާއި އިތުރު ބައެއްގެ މައްޗަށް އުފުލި ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

އެ މައްސަލާގައި ދެން ދައުވާ އުފުލާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި މ. ލިލީޕާކް ފަޒީލް ހަމީދު އާއި ގ. އޮއިވާލި އިސްހާގު ހުސައިންގެ މައްޗަށެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އަދީބާއި ފަޒީލް އިތުރު ބަޔަކާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސް ޔާމީނަށް ހަމަލާދީ އަވަހާރަކޮށްލަން ބަޑިޖަހާ މީހަކު ހޯދަން ރާވާފައިވާ ކަމަށެވެ. އަދި ރާވާފައިވާ ގޮތުގެމަތިން ސްރީލަންކާގެ ސުނައިޕަރު ރާއްޖެ އައިސްފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

އެ މައްސަލާގައި އެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މަތަން ރޭވި ކަމުގެ ދައުވާ އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އެ އަމަލުގެ މައުލޫމާތު އެނގި ހުރެ އެ އަމަލުގައި ބައިވެރިވުމުގެ ގޮތުން އަދީބު ވިދާޅުވެގެން އެކަމަށް ބޭނުންވާނޭ ފައިސާ އަދީބު ވިދާޅުވި ފަރާތްތަކަށް އިސްހާގު ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ މައްސަލާގައި އިސްހާގުގެ މައްޗަށް އުފުލީ އެނގިހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ހަތަރު މީހުން ވެސް ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި މައްސަލައާއިގެން ކުރިއަށްދާން ބޭނުންވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާ އެކު ކަމަށެވެ. އެގޮތުން ވަކީލަކު ހަމަޖައްސަން ގާޒީ އަލީ އާދަމް ދެއްވީ ތިން ދުވަހުގެ ފުރުސަތެކެވެ.

ސްރީލަންކާގެ ސުނައިޕަރު ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކީ ތަރުޖަމާނެއްގެ އެހީގަ އެވެ.