10 Aug 2016, 12:20
އެކުވެރި ކަމުގެ މެޗެއްގައި ސެޕްޓެމްބަރު އެއް ވަނަ ދުވަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި އަވަށްޓެރި ބަނގުލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމު މެޗެއް ކުޅުން ނިންމައިފިއެވެ.
އެފްއޭއެމް އިން ބުނީ އެ މެޗަކީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ލާއޯސްއާ ދޮކޮޅަށް ނިކުތުމަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެއް ކަމަށެވެ. އެ މެޗު ވެގެންދާނީ ގައުމީ ޓީމުގެ އާ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓުގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅޭ ފުރަތަމަ މެޗަށެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭއްވި ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި ބަނގުލަދޭޝް ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭޝިއަން ކަޕް ޕްލޭއޯފްގައި ރާއްޖެ ވާދަކުރާނީ ލާއޯސްއާ އެވެ. ފުރަތަމަ މެޗު ކުޅޭނީ ސެޕްޓެމްބަރު ހަޔެއްގައި މާލޭގައެވެ. ރަށުން ބޭރުގައި ކުޅޭނީ އޮކްޓުބަރު މަހުގެ 11ގައެވެ. ޕްލޭއޯފްގައި ބަންގާޅުން ހަމަ އެދުވަހު ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
ރާއްޖެއާއި ބަންގާޅުގެ އެކުވެރި ކަމުގެ މެޗުގެ ކުރިން މިމަހު 29 ވަނަ ދުވަހު ގައުމީ ޓީމުން ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާ ދެކޮޅަށް ވެސް މެޗެއް ކުޅުމައް ހަމަޖެހިފައެވެ. އެފްއޭއެމް އިން ވަނީ އެމެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތަކުން ތައްޓެއް ހޯދައިދިން ކޯޗު ޖޯސެފް ޔަންކޭ ގެންނަން ނިންމާފައެވެ.