10 Aug 2016, 12:14
ޓީވީތަކުން ބްރޯޑްކާސްޓު ކުރާ މަންޒަރުތައް، އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް ޚާއްސަކުރަން ނުޖެހޭ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅައިފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެގޮތަށް ކަނޑައެޅީ ޓީވީއެމްއާ ދެކޮޅަށް އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.
އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ޓީވީއެމްގެ މެންދުރުފަސް ޕްރޮގްރާމްގައި ދެއްކި ލަވައަކާ ގުޅޭ މައްސަލައެކެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުންތަކަށް މީހުން ހޭލުންތެރި ކުރުމަށް ގެނެސްދިން އެ ލަވައިގައި ސިނގިރެޓު ބޯ މަންޒަރާއި ދުންފަތުގެ އިސްތިއުމާލުކުރުމަށް ގުޑުގުޑާ ތައްޔާރުކުރާ މަންޒަރު ޓީވީން ބްރޯޑްކާސްޓުކޮށްފައިވާ ކަމަށެވެ.
އެލަވަ ބެލުމުން، ކަންފަތުން އަޑުއިވޭ މީހުންނަށް އެއީ އާންމުން ހޭލުންތެރިކުރުމަށް ގެނެސްދޭ ލަވައެއް ކަމުގައި ވިސްނޭނެ ކަމަށް އެ މައްސަލާގައިވެއެވެ. ނަމަވެސް އެލަވަ ދެއްކިއިރު، ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުން އަންގައިދިނުމަށް ޓީވީ ސުކްރީނަށް އެއްވެސް ލިޔުމެއް އަރުވާފައި ނުވާތީ، ޓީވީބަލާ، އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް އެލަވަ ބެލުމުން ދުންފަތުގެ އިސްތިއުމާލުކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލާގައިވެއެވެ.
އެ ލަވަ ގެނެސްދިން އިރު، ދުންފަތުގެ އިސްތިއުމާލުކުރާ ލިޔުމެއް ޓީވީ ސުކްރީނަށް އަރުވާފައިނުވާ ކަމަށް އެ މައްސަލަ ބެލުމަށްފަހު ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުމުގައި ބުނެފައިވެއެވެ. ނަމަވެސް އެކަމުގެ ސަބަބުން އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް ދޭން ބޭނުންވާ މެސެޖު ނުދެވޭނެ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނި ނަމަވެސް އެ ލަވައަކީ ބްރޯޑްކާސްޓު ކުރުމުގެ ސުލޫކީ މިންގަނޑާ ޚިލާފަށް ބްރޯޑްކާސްޓުކޮށްފައިވާ ލަވައެއް ކަމަށް ބަލާނެ "ޖާގައެއް ނެތް" ކަމަށް މައްސަލަ ބެލި ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށް އެ ނިންމުމުގައިވެއެވެ.