ދ. މާއެނބޫދޫ ކައުންސިލް އިދާރާ އަނދައި ހުލިވެފައިވާއިރު އަލަށް އިމާރާތްކުރަމުންދާ ކައުންސިލް އިދާރާގެ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެކައުންސިލް އިދާރާގައި ހިނގި އަލިފާނު ހާދިސާގައި އެތަން އެއްކޮށް އެނދުމުން އެތަން އަލުން މަރާމާތުކުރުމަށް އިއްޔެ ތަޅާލާފައިވާއިރު އެ ކައުންސިލްގެ ރައީސް މުހައްމަދު ނަސީމް މިއަދު ސަން އަށް ވިދާޅުވީ، އެނދިއިރުވެސް އާ އޮފީހެއް ހެދުމުގެ މަސައްކަތް ދިޔައީ ކުރިއަށް ކަމަށާއި އަލަށް ހަދާ އޮފީހަކީ ކުރީގެ އޮފީހަށްވުރެ ޖާގައިގެގޮތުން ބޮޑު އޮފީހެއް ކަމަށެވެ.

"މިހާދިސާއާ ގުޅިގެން އާ ކައުންސިލް އިދާރާގެ މަސައްކަތް އަވަސް ކުރުމަށް ކޮންޓެކްޓަރަށް ދަންނަވައިގެން މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދޭ،" ނަސީމް ވިދާޅުވިއެވެ.

މާއެނބޫދޫ ކައުންސިލްގެ އިދާރާގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަނުން ސަލާމަތް ކުރެވިފައިވަނީ ހަމައެކަނި ސާވާއާއި މެއިލްގައި ހުރި ލިޔުންތަކެވެ. މިހާރު އެ ކައުންސިލުން ދޭންޖެހޭ ހިދުމަތްތައް ދެމުން އަންނަނީ، ރައްޔިތުންގެ އިމާރާތެއްގައި ކަމަށް ނަސީމް ވިދާޅުވިއެވެ.

އެ ހާދިސާގައި މާއެނބޫދޫ ކައުންސިލް އިދާރާގެ ހުރިހާ ތަކެއްޗަކާއެކު 18000 ރުފިޔާވެސް ވަނީ އަނދައިފައެވެ.

އަލިފާންރޯވަން ދިމާވި ސަބަބެއް ކަމާގުޅޭ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައި ނުވާއިރު ފުލުހުން ދަނީ އެކަން ތަހުގީގު ކުރަމުންނެވެ.