27 May 2011, 16:01
ޓްރިޕޮލީ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ފަރާތްތަކާ އެއްވެސް ޝަރުތެއްނެތި ވާހަކަ ދެއްކުމަށާއި ޙަމަލާތައް ހުއްޓާލުމަށް ގައްޒާފީގެ ސަރުކާރުން ހުށަހަޅައިފިއެވެ.
ގައްޒާފީގެ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަޤާމް އަދާކުރައްވާ އަލްބަޣްދާދީ އަލްމަޙްމޫދީ ޓްރިޕޮލީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިދިކޮޅު ފަރާތްތަކާއެކު ސުލްޙަިއގެ ވާހަކަތައް ދެއްކުމަށާއި ޙަމަލާތައް ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކަށާއި ނޭޓޯއަށް ހުށަހަޅުއްވާ ކަމުގައެވެ.
އެއްވެސް ޝަރުތަކާނުލައި ޙަމަލާތައް ހުއްޓާލުމަށް ހުށަހަޅުއްވަނީ ވަރަށް ސީރިޔަސްކޮށް ކަމަށްވެސް ގައްޒާފީގެ ސަރުކާރުގެ ވެރިޔާ ވިދާޅުވިއެވެ. ނަމަވެސް ލީބިޔާގެ އިދިކޮޅު ފަރާތްތަކުންބުނީ ގައްޒާފީއަށްއޮތް ހަމައެކަނި ފުރްސަތަކީ ވެރިކަން ދޫކޮށްލެއްވުމަށްފަހު ޢައިލާއާއެކީ ޤައުމުން ބޭރަށް ވަޑައިގަތުން ކަމަށާއި މިނޫންގޮތަކަށް ހަނގުރާމަ ހުއްޓާނުލާނެ ކަމުގައެވެ.
ފަރަންސޭސިވިލާތުގައި ކުރިޔަށްދާ ޖީ-8 ގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ނޭޓޯގެ ޤައުމުތަކުގެ ލީޑަރުން ވިދާޅުވީ ގައްޒާފީ ވެރިކަން ދޫކޮށްލެއްވުމުގެ ކުރިން ނޭޓޯގެ ހަމަލާތައް ހުއްޓާނުލާނެ ކަމަށާއި ގައްޒާފީއަށް އޮތް ހަމައެކަނި ފުރްސަތަކީ ވެރިކަން ދޫކޮށްލެއްވުމުގެ ފުރްސަތު ކަމުގައެވެ. ނަމަވެސް ގައްޒާފީ ލީބިޔާއިން ބޭރަށް ވަޑައިގަތުމާއި ނުގަތުމަކީ ލީބިޔާގެ ދާޚިލީ ކަމެއްކަމަށްވެސް ޖީ-8 ގެ ޤައުމުތަކުގެ ލީޑަރުން ވިދާޅުވިއެވެ.
ގައްޒާފީގެ ސަރުކާރުންވަނީ ސްޕޭނަށް ޚާއްސަ މަންދޫބެއް ފޮނުވައިގެން ޙަމަލާތައް ހުއްޓާލުމުގެ ހުށަހެޅުމެއް މިދިޔަ ބުރާސްފަތި ދުވަހުވެސް ހުށަހަޅާފައެވެ. ނަމަވެސް މިހުށަހެޅުމަށް ނޭޓޯއިން އިޖާބަ ދީފައެއް ނުވެއެވެ. ހަމަލާތައް ހުއްޓާލުމަށާއި ޝަރުތަކާނުލައި އިިދިކޮޅު ފާރާތްތަކާ ވާހަކަ ދެއްކުމަށް ގައްޒާފީގެ ސަރުކާރުން ހުށަހެޅުމަކީ އޭނާގެ ވެރިކަމުގެ ނިޒާމް ބަލިވެ ނިކަމެތިވަމުންދާ ކަމުގެ ނިޝާންތަކެއް ކަމަށް މުރާސިލުން ބުނެއެވެ.
ނޭޓޯއިންވަނީ ގައްޒާފީގެ ރިޔާސީ އެކުވެންޏަށް އަމާޒުކޮށްގެންދޭ ވައިގެ ޙަމަލާތައް ވޭތުވެދިޔަ ދެހަފްތާތެރޭގައިވަނީ ވަރަށްބޮޑަށް އިތުރުކޮށްފައެވެ. ނޭޓޯއިން ގައްޒާފީއަށާއި އޭނާގެ ބާރުތަކާ ދެކޮޅަށް ދޭ ވައިގެ ޙަމަލާތަކަށް ދެމަސްވި އިރުވެސް ގައްޒާފީގެ ބާރުތައް ބަލިކޮށްލުމުގައި ނޭޓޯއަށް މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް ސީދާ ގައްޒާފީއަށާއި އޭނާގެ ވެރިކަމުގެ ނިޒާމް ވައްޓާލުމަށް އަމާޒުކޮށްގެން ނޭޓޯ މިހާރު ދެމުންގެންދާ ވައިގެ ޙަމަލާތައް ކުރިޔަށް ގެންގޮސްފިނަމަ ގައްޒާފީގެ ވެރިކަން ލަސްނުވެ ވެއްޓޭނެކަމަށް ތަޖްރިބާކާރުން ލަފާކުރައްވައެވެ. -- ނޫސްއެޖެންސީތައް