04 May 2010, 10:14
14:30
އައިޖީއެމްޗުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ބެލުން، ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އައިޖީއެމްއެޗްގެ ސީއީއޯ ޒުބެއިރު މުހައްމަދު މިއަދު ވިދާޅުވީ އެ ހޮސްޕިޓަލުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ބެލުން، ވަގުތީ ގޮތުން މެދުކަނޑާލައިފައިވާ ކަމަށާއި ނަމަވެސް އެޑްމިޓްކޮށްފައި ތިބޭ ކުޑަކުދިންނާއި، އަލަށް އުފަންވާ ކުދިންނާއި، ތުއްތު ކުދިންގެ އައިސީޔޫ ބަލަހައްޓެވުމުގެ ކަންތައްތައް ކުރެއްވުމުގައި 24 ގަޑިއިރު އޮންކޯލްގައި ތިއްބަވާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން އެމެޖެންސީ ހާލަތްތަކުގައި މިހާރުވެސް ބައްލަވާނެ ކަމަށް ވެސް ޒުބައިރު ވިދާޅުވި އެވެ.
ޒުބައިރު އިތުރަށް ވިދާޅުވީ އޯޕީޑީ އަށް މިހާބޮޑު އަސަރެއްކޮށްގެން އުޅޭނީ ޑޮކްޓަރުން މަދުވުމާއި، އަދި ޑޮކްޓަރުން ހޯދުމަށްވެސް އިޝްތިހާރުކޮށްގެން ވެސް ޑޮކްޓަރުން ނުލިބުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް މިހާރު އިންޑިޔާގެ ޑޮކްޓަރެއް ލިބިފައިވާ ކަމަށް ވެސް ޒުބައިރު ވިދާޅުވި. އަދި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭ އެޑޮކްޓަރު ނިކުންނެވުމުން ޑޮކަޓަރުންގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޒުބައިރު ވިދާޅުވި އެވެ.
ޒުބައިރު ވިދާޅުވީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންގެ ގޮތުގައި ހަތް ޑޮކްޓަރަކު މަސައްކަތް ކުރަމުންދާއިރު އެހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންގެ ތެރެއިން ގާތްގަނޑަކަށް 40 ޕަސެންޓު ބަލި މީހުންނަކީ ކުޑަކުދީން ކަމަށެވެ.
ރާއްޖެއިން ބޭރުގައި އިސްތިހާރު ޖަހައިގެން ޑޮކްޓަރުން ހޯދުމުގެ މަސައްކަތް އެހޮސްޕިޓަލުން ކުރިއަށް ގެންދިޔަނަމަވެސް ޑޮކްޓަރުންނަށް ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތައް ކުޑަކަމުން ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް ބޭރުގެ ޑޮކްޓަރުން އުޒުރުވެރި ވަމުންދާ ކަމަށް އެ ހޮސްޕިޓަލުން މީގެ ކުރިންވެސް ވަނީ ބުނެފަ އެވެ.