10 Aug 2016, 10:37
ބްރަސަލްސް(އޮގަސްޓް 10): ރަޝިޔާއާއި ތުރުކީގެ ގުޅުންތައް ބަދަހިކޮށް ހަރުދަނާކުރުމަށް އެ ދެގައުމުން އެއްބަސްވުމަކީ ނޭޓޯ ކަންބޮޑުވާންޖެހޭ ކަމެއްނޫންކަމަށް އެޖަމާއަތުން ބުނެފިއެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ ތަރްޖަމާނަކު ވިދާޅުވީ ތުރުކީއަކީ ނޭޓޯގެ މުހިއްމު ގައުމެއްކަމަށްވާއިރު ތުރުކީން ރަޝިޔާއާ ގުޅުންތައް ބަދަހިކުރުމަކީ މައްސަލައެއްކަމަށް ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންބާގް ދެކެވަޑައިނުގަންނަވާ ކަމުގައެވެ.
ތުރުކީން ރަޝިޔާއާ ގުޅުންތައް ބަދަހިކުރަމުން މިގެންދަނީ ރަޝިޔާއާ ނޭޓޯއާ ދެމެދު ނުތަނަވަސްކަމާ އަރާރުންތަކެއް އުފެދިފައިވާ ދުވަސްވަރެއްގައެވެ.
މިނުތަނަވަސްކަން އުފެދުނީ ރަޝިޔާގެ ސަރަހައްދީ ރޮނގާ ގުޅިފައިވާ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި އަސްކަރީ ބަރުހަތިޔާރު ރުކުރުވާލުމަށް ނޭޓޯ މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުންނެވެ. ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ރަޝިޔާގެ ސެންޕީޓަސްބާގް ގައި އިއްޔެ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި އެ ދެބޭފުޅުންވަނީ އެ ދެގައުމުގެ ގުޅުންތައް އާދަޔާ ޚިލާފަށް ބަދަހިކޮށް އެ ގުޅުންތައް މުޅިން އެހެން މަރްހަލާއަކަށް ގެންދިޔުމަށް އެއްބަސްވެ ވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ޕޫޓިންއާއި އުރުދުޣާން އެކުގައި ބޭއްވި ނޫސްކޮންފަރެންސްގައި އެ ދެބޭފުޅުންވެސްވަނީ އިގްތިސާދާއި ވިޔަފާރިއާއި ދަތުރުފަތުރާއި އެނޫންވެސް އެތަށް ދާއިރާއެއްގައި ދެގައުމުގެ ގުޅުންތައް ބަދަހިކޮށް ހަރުދަނާ ކުރުމަށް އެއްބަސްވެ ވަޑައިގެންނެވިކަން ހާމަ ކުރައްވާފައެވެ.
ރަޝިޔާއާއި ތުރުކީގެ ގުޅުންތައް ކެނޑިގެން ދިޔައީ ތުރުކީގެ ވައިގެ ސިފައިން، ސޫރިޔާގެ މަތިން އުދުހުނު ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލުމާ ގުޅިގެންނެވެ.
މިމައްސަލާގައި ދެގައުމުން ވަނީ އެއްގައުމު އަނެއް ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ. ނަތީޖާއަކީ ދެގައުމަށްވެސް އިގްތިސާދީ ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔުމެވެ. ޚާއްސަކޮށް ދެގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ގުޅުންތައް ކެނޑިގެންދިޔުން ރަޝިޔާގެ ފަތުރުވެރިން ތުރުކީއަށް ދާނެފުރްސަތު ގެއްލުމުން ތުރުކީގެ ފަތުރުވެރިކަމަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މިގެއްލުންތައް ބޮޑުވުމާއެކު ތުރުކީގެ ރައީސްވަނީ ރަޝިޔާ އެދޭގޮތަށް އެމައްސަލައިގައި މަޢާފަށް އެދިވަޑައިގެންފައެވެ. މިއާއެކު މީގެ ދޮޅުމަހެއްހާ ދުވަސްކުރިން ދެގައުމުގެ ގުޅުންތައްވަނީ އާދައިގެ ޙާލަތަކަށް އައިސްފައެވެ. ނަމަވެސް ގުޅުންތައް ކުރީގެ ހާލަތަށް އައިސްފައެއް ނުވެއެވެ.
ޕޫޓިންއާއި އުރުދުޣާން އިއްޔެވަނީ ރަޝިޔާއާއި ތުރުކީއާ ދެމެދު ހުއްޓިފައިވާ ވައިގެ ދަތުރުފަތުރު އަލުން ފެށުމަށާއި އިންޕޯޓް އެކްސްޕޯޓްގެ މުއާމަލާތްތައް އިތުރުކޮށް ވިޔަފާރީގެ މުއާމަލާތައް ފުޅާކުރުމަށް އެއްބަސްވެ ވަޑައިގެންފައެވެ. ޕޫޓިންއާއި އުރުދުޣާންގެ ބައްދަލު ކުރެއްވުމުގައި ސޫރިޔާގެ މައްސަލައާބެހޭގޮތުން މަޝްވަރާ ކުރެއްވިކަން ސާފުވެފައި ނުވި ނަމަވެސް އުރުދުޣާންވަނީ ރަޝިޔާއާއި ތުރުކީގެ ގުޅުންތައް ބަދަހިވުމުގެ ހެޔޮއަސަރު ސަރައްދުގެ މައްސަލަތައް ހައްލުކުރުމުގައި ކުރާނެކަމަށް ވިދާޅުވެފައެވެ.
ރަޝިޔާއާއި ތުރުކީއަކީ ސޫރިޔާގެ ހަނގުރާމައިގެ ދެކޮޅުގައި ތިބި ދެގައުމެވެ. ރަޝިޔާއިން ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާއިރު ތުރުކީއަކީ ގަދަބާރުން ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވާ ގައުމެކެވެ. (ނޫސްއެޖެންސީތައް)