ގަވާއިދާ ޚިލާފު މަންޒަރުތައް ބްރޯޑްކާސްޓު ކުރި ހަ މައްސަލައެއް ސާބިތުވެ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިޓީވީއަށް ނަސޭހަތްދީފިއެވެ.

މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހާއި 18 ވަނަ ދުވަހާއި 19 ވަނަ ދުވަހު ބްރޯޑްކާސްޓު ކުރި "ޝޯބިޒް" ޕްރޮގްރާމްގައި އަންހެނެއްގެ އުރަމަތީގެ ބައެއް ފެންނަ މަންޒަރު ދައްކުވައިދޭ ލަވައެއް ދެއްކިކަން ސާބިތުވާކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުމުގައިވެއެވެ. މީގެއިތުރުން މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު ބްރޯޑްކާސްޓު ކުރި "ފްރައިޑޭ ސްޕެޝަލް" ޕްރޮގްރާމާއި ހަމަ އެދުވަހު ބްރޯޑްކާސްޓު ކުރި "ބްރެއިން ރަޝް" ޕްރޮގްރާމްގައި ވެސް އަންހެނެއްގެ އުރަމަތީގެ ބައެއް ފެންނަ މަންޒަރު ދައްކުވައިދޭ ލަވައެއް ދެއްކިކަން ސާބިތުވާކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުމުގައިވެއެވެ.

އެ މަންޒަރުތައް ބްރޯޑްކާސްޓުކޮށްފައި ވަނީ ބްރޯޑްކާސްޓު ކުރުމުގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކަމަށް ކަނޑައަޅައި އެފަދަ މަންޒަރުތައް ހިމެނޭ ކޮންޓެންޓް ފޮނުވުމުގައި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ކަމާބެހޭ އިދާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތީން ކޮންޓެންޓް ގިންތިކޮށް ދަރަޖަކުރުމަށް ދިޓީވީ ހިންގާ ބްރޯޑްކާސްޓީންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.

އެފަދަ މަންޒަރުތައް ބްރޯޑްކާސްޓް ކޮށްފައިވަނީ، ހުރިހާ އުމުރު ފުރައަކަށް ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމަށް ބްރޯޑްކާސްޓު ކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގަޑީގައި ކަމަށްވާތީ، ކުރިމަގުގައި ޕްރޮގްރާމްތައް ބްރޯޑްކާސްޓްކުރުމުގައި އުމުރުފުރައަށް އެކަށީގެންވާގޮތަށް ގަޑިތަކަށް ފަރުވާތެރިވެ ޕްރޮގްރާމްތައް ބައްޓަންކުރުމަށް ވެސް ދިޓީވީއަށް ވަނީ އަންގާފައެވެ.