ކަންތައްތައް ގޯސްވާނަމަ ބަސް އިއްވުުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި ބުނާ ބަހެއްގެ ސަބަބުން އަދި ކުރާ ކަމެއްގެ ސަބަބުން އަޅާފާނެ ފިޔަވަޅަކަށް ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިރޭ ވިދާޅުވެއްޖެ އެވެ.

ސަލީމް އެގޮތަށް ވިދާޅުވިއިރު، އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު މަޖިލީހުން މިއަދު ފާސްކުރި ވޯޓުގައި އޭނާ ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

ސަލީމް "ސަން"އަށް މިރޭ ވިދާޅުވީ ހިޔާލުފާޅު ކުރުން ހަނިކުރާ ބިލު މަޖިލީހުން ފާސްކުރި ޖަލްސާއަށް ވަޑައިނުގެންނެވީ އެ ބިލު މަޖިލީހުން ފާސްކުރުމާ ދެކޮޅު ހެއްދެވުމަށް ކަމަށެވެ. އަދި އެ ބިލަކީ މަޖިލީހުން ފާސްކުރެވިގެންވާނެ ބިލެއް ނޫން ކަމަށާއި އެއީ "ދެކޮޅު ނުޖެހޭ" ބިލެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

"މަޖިލީހަށް ނުދިޔައީ ބިލާ ދެކޮޅު ހެދުމަށް. ބިލަށް ވޯޓު ނުދިނުމަށް. ގޯސްކޮށް ކަމެއް ހިނގާނަމަ އެކަމުގެ ބަސް އިއްވުމުގެ ފުރުސަތު އޮންނަންވާނެ،" އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ވިދާޅުވި އެވެ.

"ޕާޓީން، ސަރުކާރުން އަޅާފާނެ ފިޔަވަޅަކަށް ޖެހިލުމެއް ނުވޭ."

ފާޑުކިޔުމާއި ހިޔާޅުފާޅުކުރުމަކީ އިސްލާމް ތާރީހުގައި މުސްލިމުންނަށް ލިބިދީފައިވާ ހައްގެއް ކަމަށާއި އެ ހައްގު ނިގުޅައިގަނެވޭ ގޮތަށް ހުށަހަޅާ ބިލުތަކަށް ތާއިދު ނުކުރެވޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

ޕީޕީއެމުން ތުރީލައިން ވިޕެއް ނެރެފައި ވަނިކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވުމުން އަޅާފާނެ ފިޔަވަޅަކަށް ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަރުކާރާއި ޕީޕީއެމްގެ ތެރޭގައި ކަންތައްތަކެއް އިސްލާހުކުރަންޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ. ނަމަވެސް އިސްލާހު ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަމެއް ސަލީމް ވިދާޅެއް ނުވެ އެވެ.

ޕާލަމެންޓްރީ ގްރޫޕާއި ޕީޕީއެމްގެ ތެރޭގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ރައީސް ޔާމީނާ މަޝްވަރާ ކުރެއްވި ކަމަށާއި "ބައެއް ފަހަރު ހައްލު ލިބޭ" ކަމަށް ސަލީމް ވިދާޅުވި އެވެ.

ކަންބޮޑުވުންތަކަށް ހައްލު ނުލިބޭތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް މިރޭ ދަންނަވާފައިވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރުން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލަށް ވޯޓު ދިނުމަށް ތުރީލައިން ވިޕެއް ޕީޕީއެމުން ނެރެފައިވަނިކޮށް، އެ ނިންމުމާ ހިލާފަށް ޕީޕީއެމްގެ ތިން މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

އެއީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމުނުގެ އިތުުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފު ވެސް ވަނީ އެ ބިލާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.