ދުނިޔޭގެ އެކި ހިސާބުތަކުގައި ފޯރިއާއެކު ފާހަގަކުރަމުންދާ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރު ނުވަތަ "ވިޒިޓް މޯލްޑިވްސް" އިއާ މިއަހަރު ފެށީ ބޮޑު އަމާޒަކާއެކުގައެވެ. ދުނިޔެ މަތީގެ "ސުވަރުގެ" އެއްގެ ގޮތުގައި މަގްބޫލް މި ރާއްޖެ އަށް މިއަހަރު ނިމުމުގެ ކުރިން 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. އެ އަދަދަށް ވާސިލްވުމަށް ކުރަމުންދާ ދަތުރުގެ އޮޑީގެ ހުންގާނުގައި ހިފީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އެވެ.

ކުލަ ގަދަ ރަސްމިއްޔާތަކާއެކު އަހަރު ފެށުން ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޝޯގައި ރަސްމީކޮށް އިއުލާން ކުރި "ވިޒިޓް މޯލްޑިވްސް އިއާ 2016" އިސްތިހާރުކޮށް ޕްރޮމޯޓް ކުރުމަށް ދުނިޔޭގެ ބޮޑެތި މާކެޓްތަކުގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަހަރުގެ ފުރަތަމަ ހަ މަސް ނިމި އަހަރު ދެބައިވެފައިވާ އިރު ކުރި އެ މަސައްކަތުގެ ނަތީޖާގެ ފޮނި މީރު ކަމަށް ވާސިލްވެވިދާނެތޯ މިއީ މިހާރު އުފެދިފައިވާ ސުވާލެކެވެ.

ވިޒިޓް މޯލްޑީވްސް އިއާގެ މައި އިވެންޓް، އައިޓީބީ ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފައިލް ފޮޓޯ/ ޕީއެސްއެމް
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައި ވަނީ 619921 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރާ ބަލާއިރު 1.8 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ޖެނުއަރީ އިން ފެށިގެން ޖޫންގެ ނިޔަލަށް އައީ 609105 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާނަމަ މިއަހަރު ފެބްރުއަރީ އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް، ކޮންމެ މަހަކު ވެސް ޓޫރިސްޓުން އައި އަދަދު ވަނީ ދަށްވެފައެވެ. އެންމެ ބޮޑެތި މާކެޓްތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ ފަތުރުވެރިން ރާއްޖެ އައުން ދިޔައީ މަދުވަމުންނެވެ. ޖެނުއަރީ އަދި ފެބްރުއަރީ އަށް ފަހު ދެން ލޯ ސީޒަންތަކާ ކުރިމަތިވާ އިރު އަދަދު ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް، މިއަހަރުގެ ޖުލައި މަހު ޓޫރިސްޓުން އައި އަދަދަށް ބަލާއިރު، އެމަހު ވަނީ 110432 ޓޫރިސްޓުން ރާއްޖެ އައިސްފައެވެ. އެއީ މިއަހަރު ރާއްޖެއަށް ފަތުރުވެރިން އައި އަދަދު އިތުރުވި ފުރަތަމަ މަހެވެ.

އަހަރު ނިމެން ދެން އޮތީ ފަސް މަސް ދުވަހެވެ. ސަރުކާރުން އަމާޒު ހިފާފައިވާ 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް ބާކީ އޮތް މަސް ތަކުގެ ތެރޭގައި 780463 ޓޫރިސްޓުން ރާއްޖެ އަންނަން އެބަޖެހެ އެވެ. އެއީ މަހަކަށް ބަލާނަމަ ކޮންމެ މަހަކަށް 156092 ފަތުރުވެރިންނެވެ.

މިއަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައި ވަނީ 619921 ފަތުރުވެރިންނެވެ. ފުރަތަމަ ހަމަހު ބާކީ އޮތް ފަސްމަހުގައި ހަމަކުރަންޖެހޭ އަދަދު ހަމަ ނުވުމަކީ މި އަދަދަށް ވާސިލްވެދާނެކަމާ މެދު ސުވާލު އުފެދޭ ސަބަބެކެވެ.

މިއަހަރު އަދި މިދިޔަ އަހަރު ޓޫރިސްޓުން އައި އަދަދުގެ ތަފާތު ދައްކުވައިދޭ ޗާޓެއް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިއަހަރު ކުރިއަށް އޮތް މަސްތަކުގައި ވާނެގޮތެއް ބުނާކަށް ނޭނގޭނެ އެވެ. ނަމަވެސް މިދިޔަ އަހަރު އެންމެ ފަހު ފަސްމަހުގެ އެރައިވަލްސް އަށް ބަލައިލާނަމެވެ. އޮގަސްޓް މަހު 110144 ޓޫރިސްޓުން އައިސްފައިވާ އިރު، ސެޕްޓެމްބަރު މަހު ވަނީ 95511 ޓޫރިސްޓުން އައިސްފައެވެ. އޮކްޓޯބަރު މަހު 105498 ޓޫރިސްޓުން އައިސްފައިވާ އިރު 90218 ޓޫރިސްޓުންނެވެ. އަދި ޑިސެމްބަރު މަހު ވަނީ 119255 ޓޫރިސްޓުން އައިސްފައެވެ. ޖުމްލަ އަދަދަށް ބަލާނަމަ ފަހު ފަސްމަހު 519626 ޓޫރިސްޓުންނެވެ. މިއަހަރު ބާކީ އޮތް ފަސްމަހު ގެންނަންޖެހޭ 880079 އަޅާބަލާއިރު 250021 ގެ ފަރަގަކުން އެ އަދަދު ދަށެވެ. އެހެންކަމުން މިއަހަރުގެ ދެން އޮތް ފަސްމަހު އެ އަދަދަށް ޓޫރިސްޓުން ގެނެވިދާނެތޯ އެވެ؟

ވިޒިޓް މޯލްޑިވްސް އިއާ ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރު ފާހަގަކުރަމުން އަންނަ އިރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް އެމްއެމްޕީއާރުސީ އަދި ޓޫރިޒަމް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭން ބޭރުގެ ގިނަ ޓޫރިޒަމް ފެއާތަކެއްގައި އެމްއެމްޕީއާރުސީން އަންނަނީ ބައިވެރިވެ ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރަމުންނެވެ. އޭގެ ނަތީޖާ ފެންނަމުން އަންނަ ކަމަށް އެ ފަރާތްތަކުން އެއްބަސްވެ އެވެ.

ރާއްޖެއަށް 750،000 ވަނަ ފަތުރުވެރިޔާ އައުމުން އޭނާ އަށް މަރުހަބާ ކިޔުމަށް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މިއަހަރަށް ކުރިން ކަނޑައެޅި ޓާގެޓް މިހާރު ރިވައިސް ކުރައްވަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ އަދަދު ކަނޑައެޅި އިރު ފޯކަސް ނުކުރެވުނު ބައެއް ދާއިރާތައް ހުރި ކަމަށާއި އެ ކަންކަމުގެ ސަބަބުން ޓޫރިސްޓް އެރައިވަލްސް އަދަދަށް ގޮންޖެހުންތަކެއް އައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ފޯކަސް ނުކުރެވޭ ބައެއް އޭރިއާތައް ހުރި. މިސާލަކަށް ފްރާންސް ހިސާބުގަ ހިނގާދިޔަ ބައެއް ހަމަނުޖެހުންތައް، އެއާލައިންތަކަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާތައް އަދި ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓް ކުރުމަށް ބައެއް ފަރާތްތަކުން ކުރި ކަންކަން ފާހަގަކޮށްލެވޭ. ނަމަވެސް އެ ހުރިހާ ކަމަކާ އެކުވެސް އަހަރުގެ މިހާހިސާބަށް އައި އިރު ޕާފޯމަންސް ގޯހެއް ނޫން،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިނިސްޓަރު ވިދާޅުވީ ލޯސީޒަންގައި އޮތް އިރު އެކަމުން އަރައިގަނެ އަހަރުގެ ބާކީއޮތް ދުވަސްތަކުގައި އެރައިވަލްސް އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ބޭރުގެ ހަތަރު ޓޫރިޒަމް ފެއާއެއްގައި ބައިވެރިވެފައިވާ ކަމަށާއި ކުރިއަރަމުން އަންނަ މާކެޓްތަކަށް ޑައިރެކްޓް ފްލައިޓްތައް ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދަށް ވާސިލްވުމުގައި އަދިވެސް ގިނަ ޗެލެންޖްތައް އެބަހުއްޓެވެ.

އެމްއެމްޕިއާރުސީގެ އެކްޓިން އެމްޑީ ހާރިޝް ވިދާޅުވީ، 1.5 މިލިއަންގެ ޓާގެޓަށް ވާސިލްވުމަށް ގިނަ ޗެލެންޖްތަކެއް މިހާރު އެބަހުރި ކަމަށެވެ. އެގޮތުން ބޭރުގެ އެކި ގައުމުތަކުގައި ހިނގަމުން އަންނަ ކަންކަމާއި ރާއްޖޭން ބޭރުގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓް ކުރަން އެކި ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ޓޫރިޒަމް ދަށަށްދާކަމަށް ހާރިޝް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ އަދަދު އަލުން ރިވައިސް ކުރުމަށް ވިސްނަވަމުން އަންނަ ކަމަށެވެ.

އެ ޗެލެންޖްތަކާ އެކުވެސް ސަރުކާރުގެ މުއައްސަސާތަކާ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ތިބީ އަތާއަތް ގުޅުވާލައިގެންނެވެ. ބޮޑެތި ޗެލެންޖްތަކާ ކުރިމަތިލައި މިއަހަރުގެ އަމާޒަށް ވާސިލްވުމަށެވެ. 1.5 މިލިއަން ފަތުރިވެރިން ގެނައުމަށެވެ.