ބަލްގްރޭޑް : ބަލްކަންގެ ޤާތިލުގެ ނަމުންނަންދެވިފައިވާ ސަރބިޔާގެ ކުރީގެ ޢަސްކަރީ ލީޑަރު ޖެނެރަލް ރަޓްކޯ މުލަދެޗް ހައްޔަރުކުރުމުން ދުނިޔޭގެ ޤައުމުތަކުން އެކަމަށް މަރްޙަބާކިޔަމުން އެބަގެންދެއެވެ.

ސަރބިޔާގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި މިލަދެޗް ހައްޔަރުކޮށްފައިވަނީ ސަރިބިޔާގައި ފިލައިގެން އުޅެނިކޮށް މިދިޔަ ބުރާސްފަތިދުވަހު އެވެ. އޭނާ މިހާރުވަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޒިރު ކުރުމަށްފަހު ބަލްގްރޭޑް ގެ ޖަލެއްގައި ހައްޔަރުކޮށްފަ އެވެ.

ކުރީގެ ޔުގޮސްލޭވިޔާގެ ހަނގުރާމައިގެ ޖަރީމާތައް ބެލުމަށް އދ. ން އުފައްދާފައިވާ ޚާއްސަ ކޯޓުން ޖެނެރަލް ރަޓްކޯ މުލަދެޗް ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާތާ މިހާރު 10 ވަރަކަށް އަހަރު ވެފައިޥާއިރު އޭނާ މިހާތަނަށް އުޅެފައިވަނީ ފިލައިގެންނެވެ. މުލަދެޗްގެ މައްޗަށް ކުރެވިފައިވަނީ ބޮސްނިޔާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާއާއި އެމީހުންގެ ނަސްލު ނައްތާލުމަށްޓަކައި އެތަށް ހާސްބަޔަކު މެރުމަށް އަމުރުކުރުމާއި އޭގެތެރެއިން 15 ވަރަކަށް ހާސް މުސްލިމުން މެރުމުގައި ޢަމަލީގޮތުން ބައިވެރިވުމެވެ.

ބޮސްނިޔާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް ހިންގި ލާއިންސާނީ ޢަމަލުތަކުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވިފައިވާ ބޮސްނިޔާގެ އިސް އެހެން ލީޑަރެއް ކަމަށްވާ ރަޑޮވާން ކަރަދިޗް ވެސްވަނީ ހައްޔަރުކޮށް އދ. ގެ ކޯޓަށް ޙާޒިރު ކުރެވިފައެވެ. އަދި ބޮސްނިޔާގެ ހަނަގުރާމައިގެ ދުވަސްވަރު ސަރބިޔާގެ ރައީސަކަށް ހުންނެވި ސްލޮބޮޑާން މިލޮސޮވިޗް ވެސްވަނީ އދ. ގެ ކޯޓަށް ޙާޒިރު ކޮށް އޭނާއާމެދު ތަޙްޤީޤްތައް ކުރެވެމުން ދަނިކޮށް އަވަހާރަވެފައެވެ.

އދ. ގެ ޚާއްސަ ކޯޓުގެ އަމުރާއެއްގޮތަށް ސަރިބިޔާއިން މުލަދެޗް، އެކޯޓާ ހަވާލުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. މުލަދެޗް ހައްޔަރު ކުރުމުން އެކަމަށް މަރްޙަބާކީ ފަރާތްތަކުގެ ތެރޭގައި އދ. އާއި ޔޫރަޕްގެ އިއްތިޙާދާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޯ.އައި.ސީ. ގެ އިތުރުން ދުނިޔޭގެ އެކިޤައުމުތަކުގެ އިސްވެރިންވެސް ހިމެނެއެވެ.

މީގެތެރޭގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ޔޫރަޕްގެ ބައެއް ޤައުމުތަކުގެ ވެރިންވެސް ހިމެނެއެވެ. ކުރީގެ ޔުގޮސްލޭވިޔާގެ އިއްތިޙާދުން ވަކިވެ ގަތުމަށް ބޮސްނިޔާގެ މުސްލިމުން ނިންމުމާގުޅިގެން ބޮސްނިޔާގެ ސަރބުން އެޤައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގައި ލައްކައެއްހާ މުސްލިމުން ވަރަށް އަނިޔާވެރި ގޮތްގޮތަށް މަރާލައި ދެތިންލައްކައެއްހާ މުސްލިމް އަންހެނުންވަނީ ރޭޕްކޮށްލާފައެވެ.

މީގެތެރެއިން އެތަށް ހާސް މުސްލިމުންނެއް މަރާފައިވަނީ ދިރިތިއްބާ އަލިފާނުން އަންދައިގެންނާއި ބޮޑެތި ވަޅުތަކެއް ކޮނެފައި އެވަޅުތަކަށް އެމީހުން ދިރިތިއްބައި ވައްޓާލުމަށްފަހު ފަސްއަޅައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)