އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ވައިބާ ގްރޫޕުން ބޭރުކޮށްލައިފި އެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު މަޖިލީހުން ފާސްކުރި ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވި ރެޑްވޭވް ސަލީމް ޕީޕީއެމްގެ ވައިބާ ގްރޫޕުން ބޭރުކުރި މިރޭގެ ވަގުތެއްގަ އެވެ. އޭނާ ވައިބާ ގްރޫޕުން ބޭރު ކުރި ސަބަބެއް ނޭނގެ އެވެ.

ހިޔާލުފާޅު ކުރުން ހަނިކުރާ ބިލާ ދެކޮޅު ހެއްދެވުމުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ވަނީ ވައިބާ ގްރޫޕުން ބޭރުކޮށްފަ އެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ވެސް ވަނީ ޕީޕީއެމްގެ ޕީޖީ ވައިބާ ގްރޫޕުން ވެސް ވަނީ ބޭރުކޮށްފަ އެވެ. ވައިބާ ގްރޫޕުން އޭނާ ބޭރުކުރީ ޕީޕީއެމްގެ ތުރީލައިން ވިޕާ ހިލާފަށް ވޯޓު ދެއްވުމުންނެވެ.

ޕީޕީއެމްގެ ތުރީލައިން ވިޕާ ހިލާފުވެވަޑައިގެން، އަބުރުގެ ބިލާ ދެކޮޅަށް ފާރިސްއާއެކު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް މިއަދު ވަނީ ވޯޓު ދެއްވާފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ހުސައިން އަރީފު ވެސް ވަނީ އަބުރުގެ ބިލާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.

އަބުރުގެ ރައްކާތެރިކޮށްދިނުމުގެ ނަމުގައި މަޖިލީހުން މިއަދު ފާސްކުރި ބިލަކީ ހިޔާލުފާޅު ކުރުން ހަނިކޮށް، މިނިވަން ނޫސްވެރިކަން ހުއްޓިގެންދާނެ ބިލެކެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން އިސްލާމް ދީނުގެ އަސްލަހާ ހިލާފު ހިޔާޅުފާޅު ކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލުފާޅު ކުރުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ހިޔާލުފާޅު ކުރުމާއި މީހުންގެ އަބުރާ ބެހުމަކީ ކުށެކެވެ. ނަމަވެސް އެ ހަތަރު ކުށް މީހެއްގެ މައްޗަށް ފަސޭހަކަމާއެކު ސާބިތު ކުރެވިދާނެ އުސޫލުތަކެއް އެ ބިލުގައި ވަނީ ކަނޑައަޅާފަ އެވެ.

އެ ބިލުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ވަކި މުއްދަތެއްގެ ތެރޭގައި ދައްކައި ހަލާސް ނުކޮށްފިނަމަ އެ މީޑިއާއެއް ބަންދު ކުރުމުގެ ބާރު މީޑިއާގެ ކަންތައްތައް ބަލަހައްޓާ އިދާރާއަށް އެ ބިލުން ލިބިދެ އެވެ.