09 Aug 2016, 20:21
ރާއްޖޭގައި ތަންފީޒު ކުރުމަށް މަސައްކަތްކުރަމުން އަންނަ މަރުގެ އަދަބު ތަންފީޒު ނުކުރުން ދެމެހެއްޓުމަށް ޔުނައިޓެޑް ނޭޝަންސް ނުވަތަ އެކުވެރި ދައުލަތް (އދ) އިން އަނެއްކާ ވެސް ރާއްޖެއަށް ގޮވާލައިފި އެވެ.
ޖެނީވައިގައި ހުރެ އދ. ގެ ހިއުމަން ރައިޓްސް ޗީފް ޒައިދު ރައާދު އަލް ހުސައިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މިހާރު ވެސް ރާއްޖޭގައި މަރުގެ އަދަބު، ތިން މީހަކަށް ލިބިދާނެކަމުގެ ކަންބޮޑުވުމާއި ބިރު އޮތް ކަމަށް ފާހަގަކޮށްފަ އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރުމަށް މީގެ ކުރިން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ތަންފީޒު ކުރަން އިޔާދަކުރަން އަޅަމުންދާ ފިޔަވަޅުތަކާމެދު ނުހަނު ކަންބޮޑުވާ ކަމަށެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރުން ދެމެހެއްޓުމަށް އދ. އިން މިއަދު ގޮވާލާފައިވާއިރު، ޑރ. އަފްރާޝީމް އަލީގެ ގާތިލް ހ. ލޮބީ، ހުސައިން ހުމާމަށް އިންސާފުވެރި ޝަރީއަތެއް ލިއްބައިދީފައި ނުވާ ކަމަށްބުނެ އޭނާއަށް މަރުގެ އަދަބު ދިނުން މަޑުޖައްސާލަން މިދިޔަ މަހުގެ ކުރީކޮޅު އދ. އިން ވަނީ ރާއްޖެއަށް ގޮވާލާފަ އެވެ.
އަދި އޭގެ ފަހުން ހުމާމަށް މަރުގެ އަދަބު ދިނުން ފަސްކުރަން އދ. އިން ވަނީ ރާއްޖެއަށް އަމުރު ކޮށްފަ އެވެ. އެ އަމުރު ނެރުނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީއަށް ހުމާމުގެ ބައްޕަ، ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލައާ ގުޅިގެން ހަ މަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް އދ. އިން ވަނީ ރާއްޖެއަށް ފުރުސަތުދީ، އެކަން ދިވެހި ސަރުކާރަށް ނޯޓަކުން އަންގާފަ އެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެލެއްވުމަށްފަހު ދެއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ޑރ. މުހައްމަދު އާސިމް ވިދާޅުވީ، އދ. އިން ރާއްޖެއަށް ފޮނުއްވި ނޯޓުގައި އަންގާފައިވާ ގޮތަށް އަމަލު ކުރުމާ މެދު ސަރުކާރުން ވިސްނަމުންދާ ކަމަށެވެ.
އަދި ވިދާޅުވީ، އދ. ގެ ނޯޓުގައި ހިއުމަން ރައިޓްސް ކޮމިޓީން ހަމައެކަނި ވަނީ، ހުމާމްގެ މައްސަލައާ ގުޅިގެން އެފަރާތަށް ބަޔަކު މަައުލޫމާތު ހުށަހެޅިކަން އަންގައިދޭކަން ކަމަށާއި އޭގައި ދިވެހި ސަރުކާރުން ވަކި ގޮތަކަށް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާފައި ނުވާ ކަމަށެވެ.
"ގަސްތުގައި މީހަކު މެރުމުގެ ކުށް ތަހުގީގު ކުރުމާއި އެ ކުށުގެ އަދަބު ތަންފީޒު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު،"ގެ ބައެއް މާއްދާތައް ބާތިލު ކުރުމަށް ޑިމޮކްރެސީ ނެޓްވޯކުގެ ފަރާތުން މިދިޔަ މަހުގެ ތެރޭގައި ހައި ކޯޓަށް ހުށަހެޅި އެވެ.
ނަމަވެސް ހުށަހެޅި މައްސަލަ ނިމެންދެން މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރުނު ނަމަވެސް އެ އަމުރު ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
ހައިކޯޓުގެ ވަގުތީ އަމުރު ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރުނުއަމުރުގައިބުނެފައި ވަނީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދުގެ ދުސްތޫރީ ހައިސިއްޔަތާމެދު އެއްވެސް ކޯޓެއްގައި ގާނޫނީ ގޮތުން ޗެލެންޖު ކުރެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުން ވަނީ، ރާއްޖޭގައި މަރުގެ އަދަދު ތަންފީޒު ކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދު، "ގަސްތުގައި މީހަކު މެރުގެ ކުށް ތަހުގީގު ކުރުމުގަ އާއި އެ ކުށުގެ ކުށް ތަންފީޒު ކުރުމުގައި އަމަލު ކުރަންވީ ގޮތުގެ ގޮތުގެ ގަވާއިދު"ގެ ދަށުން ދެ ހުކުމެއް ސުޕްރީމް ކޯޓުންކޮށްފައިވާ ކަމަށެވެ.
އެއީ އަފްރާޝީމްގެ ގާތިލް ހ. ލޮބީ ހުސައިން ހުމާމު މެރުމަށާއި ގާނޫނީ ވަކީލް ނަޖީބުގެ ގާތިލު މ. މަސްރޫރާ އަހްމަދު މުއްރަތުގެ މެރުމަށް އެ ކޯޓުން ކުރި ހުކުމެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިނގިރޭސި ވިލާތުގެ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ، ރާއްޖޭގެ ޖުޑީޝަރީ ގޮސްފައިވާ ހިސާބަށާއި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ މައްސަލަތާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.