ތައިލެންޑުން އަންހެނުން ހޯދަނީ "ހިލޭ ނޫން" ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވި ވިދާޅުވުމަކީ ހަށިވިއްކުމަށް ހިތްވަރު ލިބޭ ވާހަކަފުޅެއް ނޫން ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުގެ ރޭ ބޭއްވި "ފަހި 913 ކުޅިވަރު ފެސްޓިވަލް" ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ހަށިވިއްކުމަށް ހިތްވަރު ލިބޭ ވާހަކަފުޅެއް ދެއްކެވި މަންޒަރު އަޑާއެކު ޗެނަލް 13 އާއި ޓީވީއެމުން ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ބެލުމަށްފަހުއެވެ.

"އަޅުގަނޑުގެ އެންމެ ގާތް އަޚު ސިޔާމަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނަށް އެނގެއޭ ހަމަ ހުރިހާ ބޭފުޅުން ވެސް، ހާއްސަކޮށް ހުރިހާ ފިރިހެން ބޭފުޅުން ބެންކޮކަށް ވަޑައިގަންނަވާ. ހަމަގައިމު ވެސް އަންހެން ބޭފުޅުން ހޯއްދަވަނީ ހިލޭއެއް ނޫން. އެހެންވީމަ ހިލޭ އަންހެނުންނެއް ނޫން އެއީ ސިޔާމް،" އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުމުގައި ވަނީ އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރާއިރު، ބްރޯޑްކާސްޓު ކުރުމުގެ ސުލޫކީ މިންގަނޑާ ޚިލާފު ނުވާ ކަމަށް މައްސަލަ ބެއްލެވި ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.