09 Aug 2016, 19:31
ވޮޝިންޓަން (އޮގަސްޓް 9): އެމެރިކާގެ ސީއައިއޭގައި ހިދުމަތްކޮށްފައިވާ ރިޕަބްލިކަން ޕާޓީގެ މެމްބަރެއް ކަމަށްވާ، އެވަން މެކްމަލެން އެ ގައުމުގެ ރިޔާސީ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވައިފި އެވެ.
ހައުސް ރިޕަބްލިކަން ކޮންފަރެންސުގެ ޗީފް ޕޮލިސީ ޑިރެކްޓަރުގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި މެކްމަލެން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވާފައި ވަނީ ރިޕަބްލިކަން ޕާޓީގައި ތިބި ޓްރަމްޕާ ދެކޮޅު މެމްބަރުންގެ ތާއިދާ އެކު އެވެ.
"އެމެރިކާގެ މައި ދެ ޕާޓީގެ ކެންޑިޑޭޓުންނާ މެދު ރައްޔިތުންގެ އިތުބާރެއް ނެތް އަހަރެއްގައި، މިއީ އާ ލީޑާޝިޕަކުން އިސް ނަގަންވީ ވަގުތު. ރަނގަޅު ގޮތެއް ނިންމަން އަދި މާ ލަސްނުވޭ. ޑޮނަލްޑް ޓްރަމްޕާއި ހިލަރީ ކްލިންޓަންއަށް ވުރެ ރަނގަޅު ކެންޑިޑޭޓަކު އެމެރިކާއަށް ހައްގު،" ރިޔާސީ އިންތިހާބުގައި ބައިވެރިވެ ވަޑައިގަންނަވާކަން އިއުލާން ކުރައްވަމުން މެކްމަލެން ވިދާޅުވި އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ފެށެން ތިން މަސްވެފައިވާ އިރު މެކްމަލެންގެ ކެމްޕެއިނަށް ފަންޑު ހޯދުމުގެ ގޮތުން މިހާރު ވެބްސައިޓެއް ވަނީ ހަދާފަ އެވެ. އަދި ޑޮނަލްޑް ޓްރަމްޕާއި ހިލަރީ ކްލިންޓަންއާ ވާދަ ކުރައްވަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ކެމްޕެއިނުން އެތައް މިލިއަން ޑޮލަރު އެއްކުރަން ޖެހޭނެ އެވެ.
ސީއައިއޭގައި 11 އަހަރު ވަންދެން ހިދުމަތް ކޮށްފައިވާ މެކްމަލެން މީގެ ކުރިން އެއްވެސް އިންތިހާބީ މަގާމެއް އަދާ ކުރައްވާފައި ނުވެ އެވެ. (ގާޑިއަން)