ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށެންވާއިރަށް ޓެކްސް ނެގުމާބެހޭ ބިލްތަކެއް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެ، އެ ބިލުތައް ފާސްކުރުމަށް އެއްބާލުންދެއްވުމަށް މަޖިލީހުގެ މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

މިއަދު ރައީސް ނަޝީދު ދެއްވި 99 ވަނަ ރޭޑިއޯ ހިތާބުގައި ރާއްޖޭގެ އިގުތިސާދު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، "ދައުލަތާއި ރައްޔިތުންގެ ތަރައްގީ ގުޅިފައިވަނީ ދައުލަތުގެ އާމްދަނީއާ" ކަމަށެވެ. އަދި ދައުލަތުގެ ޑެފިސިޓް ކުޑަ ކުރެވޭނީ، ދައުލަތަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި އަދި ހަރަދުތައް ކުޑަކުރެވިގެން ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ރުހުން ލިބިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"ދައުލަތުގެ އާމްދަނީ އިތުރުކޮށް، ތަހުޒީބު އިގުތިސާދެއް ބިނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށެންވާއިރަށް ޓެކްސް ނެގުމާބެހޭ ބިލްތަކެއް އެމަޖިލީހަށް ސަރުކާރުން ހުށަހެޅުމަށް މިހާރުދަނީ ތައްޔާރުވަމުން.މިފުރުސަތުގައި އަޅުގަނޑު، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ އަރިހުން މިއެދެނީ، މިބިލްތައް ފާސްކޮށްދެއްވައި، ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙުތައް ތަންފީޒު ކުރުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިމަހުގެ 10 އިން 24 އަށް ރާއްޖެއަށް ޒިޔާރަތްކުރި އައިއެމްއެފްގެ ވަފުދުގެ މަޝްވަރާތަކުގައި އައިއެމްއެފްގެ ލޯނު އެހީގައި އިތުރު ތިން އަހަރު ދުވަހުގެ އިގުތިސާދީ ޕްރޮގްރާމެއްގައި ރާއްޖެ ބައިވެރިކުރަން ސްޓާފް ލެވެލްގައި އެއްބަސްވެފައިވާއިރު، އެ ޕްރޮގްރާމްގައި ރާއްޖެ ބައިވެރިކުރުމުގައި "ޝަރުތަކަށް ހުށަހަޅާފައިވަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުން" ކަމަށެވެ.

އެ އެއްބަސްވުން ދިރާސާކޮށް، އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުގެ ރުހުން ހޯދުމަށް، މިއަހަރުގެ ޖުލައި މަހު ހުށަހެޅޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ޕްރޮގްރާމްގައި ރާއްޖެއަށް ބައިވެރިވެވޭކަމީ، ދިވެހި ސަރުކާރަށް ވަރަށްބޮޑު ހިތްވަރެއް ލިބޭ ކަމެއް. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައުގައި ރާއްޖެއާމެދު އޮންނަ އިތުބާރާއި ޔަގީންކަން އިތުރުވެ، ބައިނަލްއަގުވާމީ އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް ލިބުމުގެ ފުރުސަތުތައް ތަނަވަސްވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފަނު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ހަލުވިކަމާއެކު ކުރިއަށްދިޔަނަމަވެސް، ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދު ބޮޑުވުމުގެ ސަބަބުން އިގުތިސާދަށް އެކަމުގެ އަސަރު ކުރަމުންދާކަން އައިއެމްއެފްގެ މިޝަންގެ ބޭފުޅުން ފާހަގަކުރެއްވި ކަމަށެވެ. އަދި ޑޮލަރު ގަނެ ވިއްކުމުގެ އަގު، ވަކިމިންވަރެއްގެ ތެރޭގައި ހިފެހެއްޓުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި މިފަހަކަށްއައިސް، އިންފްލޭޝަންގެ ސަބަބުން ރާއްޖެއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވީނަމަވެސް، "އިންފްލޭޝަން އެއްހަމައެއްގައި މަތިވަމުންދާކަން" އެބޭފުޅުންނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެކަންތައްތައް ރަނގަޅު ގޮތެއްގައި ދެމެހެއްޓުމަށާއި އިންފްލޭޝަން ރޭޓް ދަށްކުރުމަށް ހަރުދަނާ ފިސްކަލް އަދި މަނިޓަރީ ސިޔާސަތެއް ކަނޑައެޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސަރުކާރާއި މިޝަންގެ ބޭފުޅުން ދެކޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.