09 Aug 2016, 16:34
އިނގިރޭސި ޕްރިމިއާ ލީގްގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި 50 މިލިއަން ޔޫރޯ އަށް އެވަޓަންގެ ޖޯން ސްޓޯންސް މަންޗެސްޓާ ސިޓީއަށް ބަދަލުވެއްޖެއެވެ.
އުމުރުން 22 އަހަރުގެ ޒުވާން ޑިފެންޑަރު ސީޓީއާ ގުޅިފައި މިވަނީ ހަ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. މިއީ މި ސީޒަނުގައި އެ ޓީމާ ހަވާލުވި ކޯޗު ޕެޕް ގާޑިއޯލާ ގެނައި އަށް ވަނަ ކުޅުންތެރިޔާއެވެ.
އޭގެ ތެރޭގައި ޝާލްކާ އަށް ކުޅޭ ޖަރުމަނުގެ އުއްމީދީ މިޑްފީލްޑަރު ލިރޯއީ ސާނޭ އާއި ސެލްޓަ ވިގޯގެ ފޯވާޑް ނޮލީޓޯ އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން އާއި އޮސްޓްރޭލިއާގެ މިޑްފީލްޑަރު އާރޮން މޫއީ ހިމެނެއެވެ.
އިނގިރޭސި ދެވަނަ ޑިވިޝަންގެ ބާންސްލޭ އިން 2010 ވަނަ އަހަރު ކެރިއަރު ފެށި ސްޓޯންސް ވަނީ އެ ކުލަބާއެކު ތިން ސީޒަން ހޭދަކޮށް 2013 ވަނަ އަހަރު ޕްރިމިއާ ލީގްގެ އެވަޓަން އަށް ބަދަލުވެ އެ ކުލަބާ އެކު ވެސް ތިން ސީޒަން ހޭދަކޮށްފައެވެ.
މިދިޔަ ސީޒަނުގައި އެވަޓަންގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ އެވޯޑް ހޯދާފައިވާ ސްޓޯންސް ސިޓީއަށް ބަދަލުވުމަށް ފަހު ބުނީ އެ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީއަށް ކުޅުމަކީ ވަރަށް އެދިއެދި ހުރި ކަމެއް ކަމަށާއި ނަމަވެސް ޓީމުން ޖާގަ ހޯދުމަށް ވެސް ވަރަށް ބުރަކޮށް މަސަތްކަތް ކުރަން ޖެހޭނެ ކަމަށެވެ.
"ސިޓީއަށް އައުމުން މި ނިމުނީ އެއް ނޫން. އަހަރެންނަށް އިނގޭ މިއީ މޮޅެތި ގިނަ ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ އިނގިރޭސި ގަދަ ބާރެއް ކަން. އެހެންކަމުން އުންމީދު ކުރަނީ މަސައްކަތް ކޮށްގެން މޮޅު ކުޅުންތެރިއަކަށް ވުމަށް،" ސްޓޯންސް ބުންޏެވެ.
ލީގްގައި ސިޓީ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި އެ ޓީމް ނިކުންނާނީ ސަންޑަރލޭންޑާ ދެކޮޅަށެވެ.