09 Aug 2016, 16:03
ގޫގްލްއިން ޑިވެލޮޕްކޮށްފައިވާ ގޫގްލް މެޕްސްއިން ފަލަސްތީނުގެ ދައުލަތް ފޮހެލައި، އެ ދައުލަތް އޮތް ބިން އިސްރާއީލާ އެއްކޮށްލައިފިއެވެ.
ފަލަސްތީނަކީ ދައުލަތެއް ކަމަށް ގަބޫލުކުރަނީ ދުނިޔޭގެ ބައެއް ގައުމުތަކެކެވެ. ފަލަސްތީނަށް އދ. ގެ ނޮން މެމްބަރ އޮބްޒާވާ ސްޓޭޓަސް 2012 ވަނަ އަހަރު ދިން އިރު، ނިއުޔޯކްގައި ހުންނަ އދ. ގެ އިމާރާތުގެ ބޭރުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަލަސްތީނުގެ ގައުމީ ދިދަ ނަގާފައި ވެ އެވެ.
ގޫގްލް މެޕްސްގައި ފަލަސްތީނުގެ ބިމުގެ ސަރަހައްދުތައް، އިސްރާއީލާ ވަކިން ފާހަގަ ކޮށްފައި ހުރި ނަމަވެސް ފަލަސްތީނުގެ ނަން ވަނީ ފޮހެލައިފައެވެ. އަދި ފަލަސްތީނުގެ ބިމުގެ ސަރަހައްދުގައި ވެސް ވަނީ އިސްރާއީލުގެ ނަން ޖަހާފައެވެ.
ފަލަސްތީނުގެ ނޫސްވެރިން ބުނަމުން ދަނީ މިއީ ތާރީޚާއި ޖޯގްރަފީ އޮޅުވާލުމަށް ގޫގްލްއިން ގަސްދުގައި ހިންގި ޖަރީމާއެއް ކަމަށެވެ.
ގޫގްލްއިން ފަލަސްތީނުގެ ނަން މެޕުން ފޮހެލާފއި ވަނީ ޖުލައި 25 ވަނަ ދުވަހު އެވެ. ގޫގްލް މެޕްސްގައި "ފަލަސްތީނު" ޖަހައިފި ނަމަ އޭގެން މިހާރު ދައްކަނީ، ޣައްޒާއާއި، ފަލަސްތީނާއި އިސްރާއީލާ ދެމެދު އޮންނަ ޔަހޫދާ އަދި ސަމިރާ ސަރަހައްދާ ދިމާލުން އޮންނަ ހުސް ބިމެކެވެ. އެ ސަރަހައްދުގައި އޮންނަ އިމެއް މެޕުން ދެއްކި ނަމަވެސް ނަމެއް ޖަހާފައެއް ނެތެވެ.
މިކަަމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ.
ފަލަސްތީނަށް އދ. ގެ އޮބްޒާވާ ސްޓޭޓަސް ދިނުމާ ގުޅިގެން އެގައުމުގެ ރައީސް މަހުމޫދު އައްބާސް އދ. ގެ އާންމު މަޖިލީހުގައި ދެއްވި ފުރަތަމަ ތަގުރީރުގައި ވަނީ، ފަލަސްތީނަށް "އުފަންވުމުގެ ސެޓްފިކެޓެއް" ދިނުމަށް ގޮވާލައިފައެވެ.
އެއާ ގުޅިގެން، "ޕަލެސްޓީނިއަން ޓެރިޓަރީޒް"ގެ ނަން "ޕަލެސްޓީން" އަށް ބަދަލު ކުރުމުގެ މަސައްކަތް ގޫގްލްއިން ކުރަމުންދާ ކަމަށް 2013 ވަނަ އަހަރު ގޫގްލްއިން ބުންޏެވެ.