ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބަނޑޮސް މޯލްޑިވްސް އާއި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓް ޒޯން އެކެއްގެ ފެށުން ރަނގަޅުކޮށްފިއެވެ.

އިއްޔެ ކުޅުނު ޒޯން އެކެއްގެ ފުރަތަމަ މެޗުގައި ކުރުނބާ މޯލްޑިވްސް އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ބަނޑޮސް މޯލްޑިވްސް ވަނީ މޮޅުވެފައެވެ. އެ މެޗުގެ ސެޓުތައް ބަނޑޮސް މޯލްޑިވްސް އިން ގެންދިޔައީ 18-25، 14-25 އަދި 18-25 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބަނޑޮސް މޯލްޑިވްސްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

އިއްޔެ ކުޅުނު ޒޯން އެކެއްގެ ދެވަނަ މެޗުގައި ޝެރެޓަން މޯލްޑިވްސް އަތުން ވަން އެންޑް އޮންލީ ރީތިރަށް މޮޅުވީ 3-2 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ސެޓުތައް ރީތިރަށް ރިސޯޓުން ގެންދިޔައީ 25-17، 23-25، 22-25، 25-19 އަދި 15-11 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރީތިރަށް ރިސޯޓުގެ އަލީ ހުޒާމް އެވެ.

ޒޯން ފަހެއްގެ މެޗެއް ވެސް އިއްޔެ ކުރިއަށްދިޔައެވެ. ސޮނޭވާ ފުށްޓާ ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ފޯ ސީޒަންސް ލަނޑާ ގިރާވަރު ވަނީ ކާމިޔާބުކޮށްފައެވެ. އެ މެޗުގެ ސެޓުތައް ލަނޑާ ގިރާވަރުން ގެންދިޔައީ 22-25، 18-25 އަދި 26-28 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ލަނޑާ ގިރާވަރުގެ އިމާދު އަލީ އެވެ.

ޒޯން އެކެއްގެ ދެވަނަ މެޗުގައި ޝެރެޓަން މޯލްޑިވްސް އާއި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވަން އެންޑް އޮންލީ ރީތިރަށް މޮޅުވީ 3-2 ސެޓުން --- ފޮޓޯ: ވީއޭއެމް

އިންޓަ ރިސޯޓް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ހަތަރު ޒޯންއަކަށް ބަހާލައިގެންނެވެ. އެއީ ޒޯން އެކެއް، ދޭއް، ހަތަރެއް އަދި ފަހެކެވެ.

ޒޯން އެކެއްގައި ވާދަކުރާ ޓީމުތަކަކީ ބަނޑޮސް މޯލްޑިވްސް އާއި، ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓާއި، ޝެރެޓަން މޯލްޑިވްސް އާއި، ކުރުނބާ މޯލްޑިވްސް އާއި، މީރު އައިލެންޑް ރިސޯޓް އަދި ކޮކޯ ބޮޑުހިތި އެވެ. ޒޯން ދޭއްގައި ވާދަކުރާ ޓީމުތަކަކީ ފިހާޅޮހި އައިލެންޑް ރިސޯޓާއި، އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓް އަދި ޖުމެއިރަށް ވިއްޓަވެލި އެވެ.

މުބާރާތުގެ ޒޯން ހަތަރެއްގައި ވާދަކުރާ ޓީމުތަކަކީ ސަން އައިލެންޑް ރިސޯޓް އަދި ހޮލިޑޭ އައިލެންޑް ރިސޯޓެވެ. ޒޯން ފަހެއްގައި ވާދަކުރާ ޓީމުތަކަކީ ފިނޮޅާއި، ސޮނޭވާފުށްޓާއި، އަނަންތަރާ ކިހަވަށް ވިލާސް އާއި، ފޯ ސީޒަންސް ލަނޑާ ގިރާވަރު އަދި ޑުސިޓް ތާނީ މޯލްޑިވްސް އެވެ.

އެ ހަތަރު ޒޯންގެ ތެރެއިން ޒޯން އެކެއް އަދި ޒޯން ފަހެއްގެ ކުޅުން މިހާރު ކުރިއަށްދާ އިރު، ޒޯން ދޭއްގެ ކުޅުން މާދަމާ ފަށާނެ އެވެ. އަދި ޒޯން ހަތަރެއްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.