09 Aug 2016, 14:48
އެކަނިވެރިކަމަކީ ގިނަ ބަޔަކު ތަހައްމަލުކުރަމުންދާ ހިތާމައެކެވެ. އެކަނިވެރިވާ ވަގުތުތަކުގައި ބައެއް މީހުންނަށް ރޮވި ހާސްވެ ބޯގޮވާ ތަންވެސް އާދެއެވެ. އެކަނިވެރިކަން އެންމެ ގިނައިން ތަހައްމަލުކުރަމުންދާ އެއްބަޔަކީ އަޅާލާނެ ބަޔަކު ނެތް ގައިބާރު ނެތް މުސްކުޅިންނެވެ.
އިޓަލީގައި އެކަނިވެރިކަމާއި ހިތާމައިގައި ހާއްސްވެ ހިތްފަޅައިގެން ގޮސް ރޮމުންދިޔަ މުސްކުޅި ދެމަފިރިއެއްގެ އެކަނިވެރިކަން ފިލުވައިދިނީ އެގައުމުގެ ފުލުހުން ނެވެ. މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާގައި އެ ދެ މަފިރިންގެ ރުއިމުގެ އަޑު އިވި، ފުލުހުން ދިޔައީ ބަޔަކު ރިޕޯޓް ކުރުމުންނެވެ.
އިޓަލީގެ ވެރިރަށް ރޯމްގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުންދިޔަ ފުލުހުންގެ ތެރެއިން ހަތަރު ފުލުހަކު އެމީހުންގެ ޑިއުޓީ ގަޑީގައި، އުމުރުން 84 އަހަރުގެ ޖޯލް އާއި 94 އަހަރުގެ މިޝޭލްގެ އެކަނިވެރިކަން ފިލުވައިދިނުމަށް ވަނީ އިޓަލީގެ އެންމެ މަޝްހޫރު ކެއުމެއް ކަމަށްވާ، ޕާސްތާ އަދި ޕާމަސެން ކައްކައިދީފައެވެ.
ޖޯލް އާއި މިޝޭލް ބުނީ، އެމީހުންނާ ބައްދަލުކޮށްލަން އެގެއަށް މީހަކު ޒިޔާރަތް ނުކުރާތާ މަސްތަކެއްވެފައިވާއިރު، ދުނިޔޭގެ ހާލަތާމެދު އެމީހުން އެކަނިވެރިވެ ދެރަވާ ކަމަށެވެ.
އެކަނިވެރިކަމާ ހިތާމަ ތަހައްމަލުކުރަމުންދިޔަ މުސްކުޅި ދެމަފިރިއަކަށް ރޯމްގެ ފުލުހުން ވެދިން އެހީތެރިކަން އެމީހުންގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާއިރު، އެހީތެރިވެދިން ފުލުހުންނަށް ގިނަ ބައެއްގެ ތައުރީފް ވަނީ އޮހިގެން ގޮސްފައެވެ.
"ދިރިއުޅުމަކީ އަބަދުވެސް ފަސޭހަ އެއްޗެއް ނޫން. ހާއްސަކޮށް އަވަށްޓެރި އެންމެން ޗުއްޓީއަށް ގޮސް ސިޓީ ހުސްވުމުން. ބައެއްފަހަރު އެކަނިވެރިކަން ކަރުނައަށް ބަދަލުވޭ. ބައެއް ފަހަރު އެކަމަކީ ހޫނުމޫސުމުގެ ތޫފާނެއް ފަދަ ކަމެއް،" ރޯމްގެ ފުލުހުން ހިއްސާކުރި ފޭސްބުކް ޕޯސްޓުގައި ބުނެފައިވެ އެވެ. (ދަ އިންޑިޕެންޑެންޓް)