27 May 2011, 01:05
މަސްތުވާތަކެތީގެ މައްސަލައެއްގައި ހއ. ދިއްދޫން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ދިއްދޫން މިރޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވެސް ކަށަވަރުކޮށްދެ އެވެ.
"މަސްތުވާތަކެތީގެ މައްސަލައެއްގައި މިރޭ ދިއްދޫން ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެބަތިބި، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިތުރު ތަފްސީލު ފަހުން ދެއްވާނެ ކަމަށެވެ.
ދިއްދޫން ވާހަކަ ދެއްކި މީހަކު ބުނީ މިރޭ ގާތްގަނޑަކަށް 11:45 އެހާކަންހާއިރު އެ ރަށުގައި ތިބޭ ފުލުހުން ދެ މީހަކު ހައްޔަރުކޮށްފައި ވާ ކަމަށެވެ. އަދި ބުނީ ތުހުމަތު ކުރެވޭ އެ އަމަލު ހިންގަން ތިއްބާ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ، އެމީހުންނާ ދެކޮޅަށް އަޑު އުފުލައި، ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައި ކަމަށެވެ. އަދި ބުނީ އެ ދެ މީހުންނަކީ މާލެއިން މިއަދު އެ ރަށަށް ދިޔަ އެއަތޮޅު ފިއްލަދޫ "އުޖާލާ" ބޯޓުން ދިޔަ ދެމީހުން ކަމަށެވެ.
"މީހުން އެއްވެ ހަޅޭއްލަވަން ފެށުމުން ފުލުހުން އައިސް އެދެ މީހުން މާލޭން މިރަށަށް އައި ބޯޓް ކައިރިއަށް ގެންދިޔައީ، ދެން ބޯޓްކައިރިން އެ ދެ މީހުންގެ ދަބަސް ޗެކްކޮށް ދަބަހާއެކީ އެމީހުން ގޮވައިގެން ފުލުސް އޮފީހަށް ގެންދިޔައީ،" ދިއްދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ އެ ދެ މީހުން ހައްޔަރުކޮށްގެން ގެންދިއުމުން ބޯޓު ކައިރިއަށް އެއްވެ ތިބި ދިއްދޫގެ 80 ވަރަކަށް މީހުން ބަނދަރުމަތީގައި ތިބެ ބޯޓް އެރަށު ފަޅުން ބޭރު ކުރުމަށް ގޮވާފައިވާ ކަމަށާއި ނަމަވެސް ދިއްދޫގައި އުޅޭ އެމްޑީޕީގެ އެންމެ އިސް އެކްޓިވިސްޓް ކަމަށް ބުނާ މީހަކު، އެއްވި މީހުންނާ ދެކޮޅަށް ނުކުމެ ބޯޓް ދިއްދޫ ފަޅުން ނުނެރުމަށް ބޯޓްގެ ކެޕްޓަނަށް އަންގާފައިވާ ކަމަށެވެ. ބޯޓު އަދި އޮތީ ދިއްދޫ ބަނދަރުގަ އެވެ.
> ކުށެއްގެ އިސްލާހު
"ހއ. ދިއްދޫގެ އެމްޑީޕީ ޖަގަހަ ތެރެއިން މަސްތުވާތަކެތި ބޭނުންކުރަން ތިބި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި" މި ސުރުހީގެ ދަށުން ސަން އޮންލައިނުން މޭ 26، 2011 ވަނަ ދުވަހު ގެނެސްދިން ހަބަރުގައި ދިއްދޫން ހައްޔަރު ކުރި ދެ މީހުންނަކީ އެ ރަށުގައި ހުންނަ އެމްޑީޕީގެ ޖަގަހައެއް ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބި ކަމަށް ތުހުމަތު ކުރެވުނު ދެ މީހުން ކަމަށް ލިޔެފައި ވަނީ ދިއްދޫ މައުލޫމާތުން ދިން ފަރާތްތަކުން އެގޮތަށް މައުލޫމާތު ދީފައިވާތީ އާއި އެ ހާދިސާއާ ގުޅިގެން ފުލުހުން މައުލޫމާތު ދިން އިރު އެކަން ދޮގުކޮށްފައި ނުވާތީ އެވެ. ނަމަވެސް ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރަށު ތެރެއިން ކަމަށާއި އެއްވެސް އިމާރާތެއްގެ ތެރެއިން ނޫން ކަމަށް ފުލުހުން ފަހުން ބުނެފައިވާތީ ކުރިން ޝާއިއު ކުރި ހަބަރު އިސްލާހުކޮށް، ނޫހުގައި ޖެހުނު ކުށަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.