ރާއްޖޭގައި ހިންގާ މީޑިއާތައް ބަންދު ކުރުމުގެ ބާރު ލިބިދޭ ގޮތަށް އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލު ފާސްކުރީ 47 މެމްބަރުންގެ ވޯޓުން ނެވެ. ބިލާ ފާސްކުރުމާ ދެކޮޅަށް 31 މެމްބަރުން ވޯޓު ދެއްވި އެވެ.

ބިލު ދިރާސާކުރި ކޮމެޓީން ބިލު ފާސްކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެ ބިލު ކޮމެޓީން ފާސްކުރީ ބިލަށް ހުށަހެޅި އާ އިސްލާހުތަކާއެކުގަ އެވެ. އެ އިސްލާހުތަކުގައިވާ ގޮތުން އެ ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް މީޑިއާތަކުންކޮށްފި ނަމަ ކުރާ ޖޫރިމަނާ ދައްކައި ހަލާސް ނުކޮށްފި ނަމަ އެ މީޑިއާއެއް ސަސްޕެންޑްކޮށް، އަދި ލައިސެންސް ބާއިލު ކުރެވޭނެ އެވެ.

ބިލަށް އަމަލު ކުރަން ތިން މަސް ދުވަސް ކުރިން ކަނޑައަޅާފައި ވިޔަސް، ކޮމެޓީން ފާސްކުރި އިސްލާހުތަކުގައިވާ ގޮތުން އެ ބިލަށް އަމަލު ކުރަން ފަށާނީ ބިލު ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.

ބިލުގައި މިހާރު ބުނެފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް އާންމު ރައްޔިތަކު ކޮށްފި ނަމަ ޖޫރިމަނާ ކުރެވޭނީ 25،000 ރުފިޔާ އާއި 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ކަމަށެވެ. ކުރިން އެ މާއްދާގައި ޖޫރިމަނާއެއްގެ ގޮތުގައި ބުނެފައި ވަނީ 50،000 ރުފިޔާއާއި 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި ހަބަރެއް ރައްދުވާ ފަރާތުން އެ ހަބަރެއް ބްރޯޑްކާސްޓުކުރި ފަހުން ނުވަތަ ޝާއިއުކުރިފަހުން ރައްދެއް ޝާއިއުކުރަން ނުވަތަ ބްރޯޑްކާސްޓުކުރަން ބޭނުންވާ ނަމަ އެއްވެސް އަގެއް ނުވަތަ ފީއެއް ނެގުމަކާއި ނުލާ އެ ހަބަރެއް ޝާއިއު ނުވަތަ ބްރޯޑްކާސްޓު ކުރަންވާނެ އެވެ.

ބިލުގައި ބުނެފައި ވަނީ އަބުރާ ބެހެވޭ ފަދަ ޒާތުގެ ކޮންޓެންޓެއް ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެ ނަމަ ލައިވް ފީޑު ހުއްޓާލަން އަބުރާ ބެހެވުނު ފަރާތުން ކަމާ ބެހޭ ދައުލަތުގެ މުއައްސަސާ އަށް އެންގުމުން ވެސް ލައިވް ފީޑު ކަނޑާ ނުލައިފި ނަމަ ކަމާ ގުޅޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މީޑިއާ އަކަށް ފިޔަވަޅު އަޅަންވާނެ ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އަބުރުގެ ބިލު ކޮމެޓީ މަރުހަލާގައި ދިރާސާ ކުރުމުގެ ގޮތުން ވަނީ މީޑިއާ ކައުންސިލާ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާތައް ވެސް ހާޒިރުކޮށްފަ އެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނުގެ އިތުރުން ފިގުހު އެކަޑަމީ ވެސް ހާޒިރުކޮށް އެ ބިލާ ގުޅޭގޮތުން ހިޔާލު ހޯދި އެވެ.

ނަމަވެސް ފަހުން އެ ބިލަށް ގިނަ އިސްލާހުތަކަކާ އެކު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ވަނީ ބިލުގެ އާ ޑުރާފްޓެއް ކޮމެޓީއަށް ހުށަހަޅާފަ އެވެ.

އާރިފް ހުށަހެޅުއްވި ޑްރާފްޓުގައިވާ ގޮތުން ޖޫރިމަނާ ނުދައްކައިފި ނަމަ އެ ލިޔުމެއް ލިޔުނު ނޫސްވެރިޔާ ވެސް ޖަލަށް ދާންޖެހޭނެ އެވެ. އޭނާގެ ޖަލަށް ލެވޭނީ ގިނަވެގެން ހަ މަހަށް ކަމަށް ބިލުގައިވެ އެވެ. އެއީ ކުރިން ވެސް ބިލުގައި އޮތް ގޮތެވެ.

ޖޫރިމަނާ ދައްކައި ހަލާސް ކުރުމުން ނޫނީ އިސްތިއުނާފެއް ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވާ މާއްދާއަށް އިސްލާހު ކުރަން ހުށަހަޅާފައެއް ނުވެ އެވެ. އެ އިސްލާހަކީ މީޑިއާތަށް ކަންބޮޑުވުންފާޅު ކުރި އިސްލާހެކެވެ.

ބިލަށް އަލަށް ހުށަހަޅާފައިވާ އިސްލާހެއްގައި ބުނެފައި ވަނީ އަބުރާ ބެހެވޭ ފަދަ ޒާތުގެ ކޮންޓެންޓެއް ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެ ނަމަ ލައިވް ފީޑު ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި އެކަން ހުއްޓުވުމުގެ ހައްގު އަބުރާ ބެހެވުނު ފަރާތަށް ލިބިގެންވެ އެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާދަ ހަބަރު ފެތުރުމާއި އަބުރާ ބެހެވޭ ފަދަ ބަހެއް މީޑިއާއަކުން އާންމުކޮށްފި ނަމަ އެ މީޑިއާއެއް 50،000 ރުފިޔާ އިން 2،000،000 ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ. އަދި އެފަދަ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓް ކުރި ރިޕޯޓަރެއް 50،000 ރުފިޔާ އާއި 150،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

އެގޮތުން އާންމު ނިޒާމާ ހިލާފުވު ވާހަކައެއް މީޑިއާއަކުން އާންމުކޮށްފިނަމަ ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާ އާއި 1،000،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އާންމު ނިޒާމާ ހިލާފު ވާހަކައެއް ފެތުރި ނޫސްވެރިޔަކު 50،000 ރުފިޔާއިން 150،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.

އިސްލާމް ދީނުގެ އަސްލަހާ ހިލާފަށް މީޑިއާއަކުން އަމަލުކޮށްފިނަމަ އަދި އެކަން ކުރި ނޫސްވެރިއަކު ގާނޫނުލް އުގޫބާތު ދަށުން އަދަބު ދެވޭނެ ކަމަށް ބިލުގައިވެ އެވެ.