އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރުމުގެ މަތިން ވިޔަފާރީގެ އެންމެހާ މުއާމަލާތްތައް ހިންގުމަށް ރާއްޖޭގެ ބޮޑު ފަސް ވިޔަފާރި ކުންފުންޏަކުން އިގުރާރުވެއްޖެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ "ހިއުމަން ރައިޓްސް ޕްލެޖު"ގައި ފުރަތަމަ ފަހަރަށް މިއަދު ވަނީ ކުންފުނިތަކަކުން ސޮއި ކޮށްފަ އެވެ.

މިއަދު ސޯލްޓް ކެފޭގައި އޮތް ރަސްމިއްޔާތެއްގައި، އެ ޕްލެޖުގައި ސޮއިކޮށް، ވިޔަފާރީގެ އެންމެހާ މުއާމަލާތެއް ހިންގުމުގައި އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރުމަށް އެއްބަސްވި ފަސް ކުންފުންޏަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނާއި ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ ކޮންޓްރެކްޓިންގް ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ދިރާގު ޕލކ. އަދި އުރީދޫ މޯލްޑިވްސްއިންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި، މި އިގުރާރު ބިނާވެފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ރާއްޖޭގައި ހެދިފައިވާ ވަޒީފާއާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނަށެވެ. އޭގެ އިތުރުން ބައިނަލްއަގުވާމީ ބައެއް މުއާހަދާތައް ކަމުގައިވާ، އިންސާނީ ހައްގުތަކާ ބެހޭ އާންމު ގަރާރާއި، އައިއެލްއޯގެ މަސައްކަތްތެރިންގެ ހައްގުތަކާ ބެހޭ މުއާހަދާއާއި، ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ އިތުރުން، ރިއޯ ޑިކްލެރޭޝާން އޮން އެންވާޜަމެންޓް އެންޑް ޑިވެލޮޕްމެންޓަށެވެ.

ހިއުމަން ރައިޓްސް ޕްލެޖު ނުވަތަ އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމުގެ އިގުރާރުގައިވާ ގޮތުން، ކުންފުނިތަކުން އިގުރާރުވާ ކަންތައްތަކުގެ ތެރޭގައި:

  • ކުންފުނީގެ މުއާމަލާތްތަކާއި، ގަވައިދުތަކާ އުސޫލުތައް، މުވައްޒަފުންނާއި ކަސްޓަމަރުންނަށާއި މުޖްތަމައުގެ ހައްގުތައް ރައްކާތެރިވާ ގޮތަށް ބައްޓަން ކުރުން.

  • ހަމަހަމަކަމާއި، ތަފާތު ކުރުމެއް ނެތި މުވައްޒަފުންގެ ހައްގުައް ފޯރުކޮށްދިނުން.
  • މުވައްޒަފުންނަށް ގާނޫނުން ލިބިދޭ ހައްގަކަށް ހުރަސް ނޭޅުން.
  • މުއާމަލާތްތަކުގައި، ކުޑަކުދިންގެ ހައްގާއި ކަރާމާތް ގެއްލޭ ފަދަ ކަމެއް ނުކުރުން.
  • މަސައްކަތުގެ މާހައުލުގެ ތެރެއިން ޖިންސީ ފުރައްސާރައަށް މަގުފަހިވާ ކަމަކަށް ޖާގަ ނުދިނުން.
  • ތިމާވެށި ރައްކާތެރިކުރުމަށް އަހައްމިއްޔަތުކަން ދިނުން.
  • ރިޝްވަތާ ކޮރަޕްޝަނަށް މަގުފަހިވާ ފަދަ މުއާމަލާތެއް ނުހިންގުން.
  • ޖެންޑާ އީކުއަލިޓީއަށް އިހްތިރާމު ކޮށް، ޖެންޑާ އީކުއަލިޓީ ކުރިއެރުވުން.
  • ހިއުމަން ރައިޓްސް ކުރިއަރުވާ ފަރާތްތަކުން ކުރާ މަސައްކަތަކަށް އެއްބާރުލުން ދިނުން.

މި އިގުރާރުގެ ދަށުން ކުންފުނިތަކުން ވަނީ، އެއިން ކުންފުންޏެއްގެ ފަރާތުން ފޯރުކޮށްދިން ޚިދުމަތެއްގެ ސަބަބުން ކަސްޓަމަރެއްގެ އިންސާނީ ހައްގުތަކަށް އުނިކަމެއް ލިިބިއްޖެ ނަމަ، ގާނޫނުތަކާއި ގަވައިދުތަކުގެ ދަށުން، އެކުންފުންޏަކުން އެކަމެއްގެ ޒިންމާ އުފުލާން ވެސް އެއްބަސްވެފަ އެވެ.