09 Aug 2016, 13:16
ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސްވަންސީ ސިޓީގެ ފޯވަޑް އަންދްރޭ އަޔޫ ވެސްޓް ހާމް ޔުނައިޓެޑަށް ސޮއިކޮށްފި އެވެ.
ސްވަންސީ އިން ގާނާގެ މިޑްފީލްޑަރު އަޔޫ ވެސްޓް ހާމްއާ ގުޅިފައި ވަނީ 20.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަޔޫ ވެސްޓް ހާމްއާ ގުޅުނު ކަން އެ ކްލަބުންނާއި ސްވަންސީ ސިޓީން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ 12 ވަނާގައި ނިންމާލި ސްވަންސީ އަށް ރަނގަޅު ކުޅުމެއް ދެއްކި އަޔޫ ދެން ފެނިގެންދާނީ ފްރާންސް ތަރި ޑިމިޓްރީ ޕަޔެޓްއާ އެކު ވެސްޓް ހާމްގެ މިޑްފީލްޑް ލައިނުންނެވެ.
އުމުރުން 26 އަހަރުގެ އަޔޫ، ފްރާންސްގެ މާސޭ އިން ސްވަންސީއާ ގުޅުނީ މިދިޔަ ސީޒަނުގަ އެވެ. މިދިޔަ ސީޒަނުގައި ސްވަންސީ އަށް އޭނާ 12 ލަނޑު ކާމިޔާބުކޮށްދިން އިރު، މާސޭގައި ހޭދަކުރި އަށް އަހަރު ތެރޭގައި އޭނާ އެ ކްލަބަށް 60 ލަނޑު ކާމިޔާބުކޮށްދީފައިވެ އެވެ.
އަޔޫއާ އެކު ޑިފެންޑަރު އާތާ މަސުއާކޫ ވެސް ވަނީ ވެސްޓް ހާމްއާ ގުޅިފަ އެވެ. އެ ކުޅުންތެރިންގެ އިތުރުން ކުރިއަށްއޮތް ސީޒަނަށް ވެސްޓް ހާމް ވަރުގަދަ ކުރުމަށް އޭޝްލީ ފްލެޗާ އާއި، ހަވާޑް ނޯޑްވޭޓް އާއި، ގޮކާން ޓޮރޭ އާއި، ސޮފިއާން ފެގޫލީ ވެސް ވަނީ އެ ކްލަބަށް ގެނެސްފަ އެވެ.