ކުއެޓާ(އޮގަސްޓް 9): ޕާކިސްތާނުގެ ކުއެޓާގެ ގިނަ އަދަދެއްގެ ވަކީލުން އެއްވެފައި ތިބި ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއާ ދެކޮޅު ހެދުމުގެ ގޮތުން ގައުމުގެ ކޯޓުތައް ބޮއިކޮޓް ކުރަން ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ އިސް ވަކީލުންތަކެއް ބުނެފި އެވެ.

ކުއެޓާގެ ހޮސްޕިޓަލަށް އިއްޔެ ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 75 އަށް އަރައިފައެވެ. އެހަމަލާ ދީފައި ވަނީ އިއްޔެ ހެނދުނު ބަލޮޗިސްތާނު ބާ އެސޯސިއޭޝަނުގެ ރައީސަށް ހަމަލާދީ އަވަހާރަކޮށްލުމާ ގުޅިގެން 200 ވަރަކަށް ވަކީލުންނާއި ބައެއް ނޫސްވެރިން ހޮސްޕިޓަލަށް އެއްވެފައި ވަނިކޮށް ކަމަށް ބަލޮޗިސްތާނު ޕްރޮވިންސުގެ ހޯމް މިނިސްޓަރު ސަރުފަރާޒު ބުގްތީ ވިދާޅުވިއެވެ.

"ކުއެޓާގައި އިއްޔެ ވަކީލުން މަރާލުމާ ދެކޮޅު ހެދުމުގެ ގޮތުން މިއަދު ގައުމުގެ އެކި ސަރަހައްދުތަކުގެ ވަކީލުން ކޯޓުތައް ބޮއިކޮޓް ކުރާނެ،" ޕާކިސްތާނު ބާ ކައުންސިލުން ނެރުނު ބަޔާނެއްގައިވެއެވެ.

އަދި އިއްޔެގެ ހަމަލާއާ ގުޅިގެން ހިތާމަ ފާޅު ކުރުމުގެ ގޮތުން ބަލޮޗިސްތާނުގެ ސްކޫލްތައް ބަންދު ކުރަން ނިންމާފައިވާ ކަމަށް އެޕްރޮވިންސުގެ ސަރުކާރުގެ ތަރުޖަމާނު އަންވަރު އަލް ހައްގު ވިދާޅުވިއެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުގެ ފެކްޝަނެއް ކަމަށްވާ ޖަމާއަތުލް އަހްރާރުން ވަނީ އިއްޔެ ދިން ހަމަލާގެ ޒިންމާ ނަގައިފައެވެ. (ޓައިމްސް އޮފް އިންޑިއާ)