09 Aug 2016, 12:28
ސީރިއާގައި ހިނގަމުންދާ އަނިޔާވެރި ދާހިލީ ހަނގުރާމައިގައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 290،000 މީހުން މަރުވެފައިވާ ކަމަށް މޮނީޓަރިން ގްރޫޕަކުން ބުނެފިއެވެ.
ދަ ސީރިއަން އޮބްސަވޭޓަރީ އޮފް ހިއުމަން ރައިޓްސް ގްރޫޕުން ބުނީ، ހަނގުރާމަ ފެށުނު 2011 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 292،817 މީހުން އެ ހަނގުރާމައިގައި މަރުވެފައިވާ ކަމަށެވެ.
އެއަދަދަކީ މިދިޔަ މޭމަހުގެ 26 ވަނަ ދުވަހު އެ ގްރޫޕުން ހާމަކުރި އަދަދަށްވުރެ 10،000 މީހުން ގިނަ އަދަދެކެވެ.
އޮބްޒަވޭޓަރީ ގްރޫޕުން ބުނީ، މަރުވި މީހުންގެ ތެރޭގައި ހަނގުރާމަކުރި މީހުންނަށްވުރެ މަރުވި އާއްމުން ގިނަ ކަމަށެވެ. އެގޮތުން މަރުވި މީހުންގެ ތެރޭގައި 84،472 އާއްމުން ހިމެނޭއިރު، 14،711 ކުޑަކުދިންނާއި 9520 އަންހެނުން ސީރިއާ ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވާ ކަމަށް އެ ގްރޫޕުން ބުނެ އެވެ.
ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ކުރުދީގެ ހަނގުރާމަވެރިންނާއި ހަތިޔާރުއެޅި ހަނގުރާމަވެރި ގްރޫޕްތަކުގެ ތެރެއިން 50،548 މީހުން ސީރިއާގައި މިހާތަނަށް މަރުވެފައިވާއިރު، 495،47 މީހުންނަކީ ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރިންނެވެ. އެ މީހުންގެ ތެރޭގައި ސީރިއާއަށް ނިސްބަތް ނުވާ އެހެން ގައުމުތަކުން އެގައުމަށް ހަނގުރާމައަށްދާ މީހުން ވެސް ހިމެނެ އެވެ.
އިނގިރޭސި ވިލާތުގެ އޮބްޒާވަޓަރީ އެ ގްރޫޕުން އާއްމުކުރި އަދަދުތަކަށް ބަލާއިރު، ސަރުކާރާ އެއްކޮޅަށް ހަނގުރާމަކުރި މީހުންގެ ތެރެއިން 104،656 މީހުން ވަނީ މަރުވެފައެވެ.
އެގޮތުން، ސަރުކާރު ހިމާޔަތްކުރަން ހަނގުރާމަކުރާ ސިފައިންނާއި ލެބަނަންއަށް ނިސްބަތްވާ ޝިއައީންގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުﷲގެ ޖުމްލަ 59،219 މީހުން ވަނީ މަރުވެފަ އެވެ. (އޭއެފްޕީ)