09 Aug 2016, 12:12
މެންޗެސްޓާ ޔުނައިޓެޑަކީ އަބަދުވެސް ހިތު ތެރޭގައި އޮންނަ ކްލަބެއް ކަމަށް ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސް އިން ޔުނައިޓެޑާ ޕޮގްބާ ގުޅުނީ 89 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިހާރު އޭނާ ވެފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ އަށެވެ.
"އަލުން ޔުނައިޓެޑަށް އާދެވުމުން ވަރަށް އުފާކުރަން. ޔުނައިޓެޑަކީ އަބަދުވެސް އަހަރެންގެ ހިތު ތެރޭގައި އޮންނަ ކްލަބެއް. އެ ކްލަބަކީ އަހަރެންގެ ހިތު ތެރެއިން ހާއްސަ ޖާގައެއް ހޯދާފައިވާ ކްލަބެއް. އަދި ކޯޗު ހޯސޭ މޮރީނިއޯއާ އެކު މަސައްކަތް ކުރުމަށް އަހަރެން ތައްޔާރު،" ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއެއްގައި އުމުރުން 23 އަހަރުގެ ފްރާންސް މިޑްފީލްޑަރު ބުންޏެވެ.
ޕޮގްބާ ބުނީ، ޔުވެންޓަސްއާ އެކު ވަރަށް ހާއްސަ ދުވަސްތަކެއް ހޭދަކޮށްފައިވާ ކަމަށާއި އެ ކްލަބުގެ ކުޅުންތެރިންނަކީ އެކުވެރިން ކަމަށެވެ. އަދި ޔުނައިޓެޑަކީ ބޭނުންވާ ހުރިހާ ކާމިޔާބެއް ހޯދުމަށް އެންމެ ރަނގަޅު ކްލަބު ކަމަށް ވެސް އޭނާ ބުންޏެވެ.
ޕޮގްބާ އަކީ 2012 ވަނަ އަހަރު 1.5 މިލިއަން ޕައުންޑްގެ އަގަކަށް ޔުވެންޓަސްއާ ގުޅުނު ކުޅުންތެރިއެކެވެ. އަލުން ޔުނައިޓެޑަށް ޕޮގްބާ ގެނައުމަށްޓަކައި އެ ކްލަބުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.