09 Aug 2016, 11:42
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑާ ގުޅިއްޖެ އެވެ.
އުމުރުން 23 އަހަރު މިޑްފީލްޑަރު ޔުވެންޓަސް އިން ޔުނައިޓެޑާ ގުޅުނީ 89 މިލިއަން ޕައުންޑްގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޕޮގްބާ ޔުނައިޓެޑާ ގުޅުނުކަން އެ ކްލަބުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ޔުނައިޓެޑާ ގުޅުމަށްފަހު ޕޮގްބާ ބުނީ، އެ ކްލަބަކީ އޭނާ ބޭނުންވާ ހުރިހާ ކަމެއް ހާސިލްކުރަން އެންމެ ރަނގަޅު ކްލަބު ކަމަށެވެ.
ޔުނައިޓެޑުން ޕޮގްބާގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި 89 މިލިއަން ޕައުންޑާ އެކު އޭނާގެ ކުޅުމާއި އެހެން ބޯނަސްތަކުގެ ގޮތުގައި އެ ކްލަބަށް އިތުރު 4.5 މިލިއަން ޕައުންޑް ދައްކަން ޖެހޭނެއެވެ.
ޕޮގްބާ ވަނީ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި ރެއާލް މެޑްރިޑްގެ ވޭލްސް ތަރި ގެރެތު ބޭލް ވައްޓާލައިފައެވެ. ޓޮޓެންހަމް ހޮޓްސްޕާ އިން 2013 ވަނަ އަހަރު ބޭލް ރެއާލްއާ ގުޅުނީ 85.3 މިލިއަން ޕައުންޑްގެ އަގަކަށެވެ.
ޕޮގްބާ އަކީ 2012 ވަނަ އަހަރު 1.5 މިލިއަން ޕައުންޑްގެ އަގަކަށް ޔުވެންޓަސްއާ ގުޅުނު ކުޅުންތެރިއެކެވެ. އަލުން ޔުނައިޓެޑަށް ޕޮގްބާ ގެނައުމަށްޓަކައި އެ ކްލަބުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.