އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުއަށް ކުވައިތު ފަންޑުން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދީފި އެވެ.

މިއީ ކުވައިތު ފަންޑުން އަރަބި ގައުމުތަކުގެ އިތުރުން އެހެންގައުމަކަށް ދިން އެންމެ ބޮޑު ލޯނެވެ.

ފައިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އައިއެންއައިއޭ ޓާމިނަލް ތަރައްގީ ކުރުމަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނު އެގްރިމެންޓުގައި ރާއްޖޭގެ ފަރާތުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. ކުވައިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ކުވައިތު ފަންޑުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ހީޝަމް އަލް ވަގްޔަމް އެވެ.

އެއެއްބަސްވުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ ޓާމިނަލް ތަރައްގީއަށް ހަމަޖެހިގެން ދިޔަ 50 މިލިއަން ލޯނަކީ 20 އަހަރު ތެރޭގައި ދައްކާ ގޮތަށް ހަމަޖެހުނު ލޯނެއް ކަމަށެވެ.

އައިއެންއައިއޭގެ ތަރައްގީ އަށް 800 މިލިއަން ޑޮލަރު ބޭނުންވާ އިރު ގިނަ ލޯނުތަކެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުވައިތު ފަންޑުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ހީޝަމު ވިދާޅުވީ މިއީ އަރަބިގައުމެއްގެ އިތުރުން އެހެން ގައުމަކަށް އެ ގައުމުން ދިން އެންމެ ބޮޑު ލޯނު ކަމަށާއި އެކަން ކުރިއަށް އޮތްތާ ވެސް ކުރިއަށްގެންދާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެފަދަ ލޯނެއް ރާއްޖެ އަށް ލިބުމުން ރާއްޖޭގެ އިގްތިސާދު ކުރިއަށްދާ މިންވަރު ދަށްކުވައިދޭ ކަމަށެވެ.

އައިއެންއައީއޭގެ ތަރައްގީގެ މަސައްކަތްތައް 2018 ވަނަ އަހަރާއި ހަމައަށް ނިންމުމަށް ނިންމާފައިވާ އިރު އެއާޕޯޓް ހިއްކުމާއި ދެ ވަނަ ރަންވޭ އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.