09 Aug 2016, 11:06
ފުލުހުންގެ ހުއްދަ ނަގައިގެން މާލޭގައި މުޒާހަރާތަކާއި ހިނގާލުމާއި އުޅަނދުބުރުތައް ބާއްވަން ޖެހޭ ގޮތަށް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ.
ރިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ، އެ ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިވީ ނަމަވެސް، މޯލްޑިވްސް ޕޮލިސް ސާވިސް އިން ލިޔުމުންދޭ ހުއްދައާއެކު ފިޔަވައި، ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން އާންމުކޮށް އިއުލާންކުރާ ތަންތަނުގައި އެކަނި ކަމަށެވެ.
އެ އިސްލާހު މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މުޒާހަރާ ބާއްވަން ހުއްދަދެވޭނެ ތަންތަނުގެ ލިސްޓެއް ހޯމް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންޖެހޭނެ ކަމަށް ވެސް ރިފާއު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
ގާނޫނަށް އެ އިސްލާހު ގެނެސްފިނަމަ އަމަލުކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މުޒާހަރާކުރަން ފުލުހުންގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ އިރު، ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.
އެ އިސްލާހު ފާސްވެއްޖެ ނަމަ ގާނޫނު އަސާސީގެ 32 ވަނަ މާއްދާ އިން ލިބިދޭ ހައްގު ވަރަށް ބޮޑަށް ހަނިވެގެންދާނެ އެވެ.