09 Aug 2016, 10:54
ބާލިން (އޮގަސްޓް 9): ފަތުރުވެރިއެއްގެ ގޮތުގައި ޔޫރަޕަށް ދިޔަ ޗައިނާ ރައްޔިތަކަށް އޮޅިގެން ޖަރުމަނުގެ ހިމާޔަތަށް އެދެވުމުގެ ސަބަބުން ރެފިއުޖީ ކޭމްޕެއްގައި ދެހަފްތާ ހޭދަ ކުރަން ޖެހިއްޖެ އެވެ.
ޖަރުމަނު ބަހުން ވެސް އަދި އިނގިރޭސި ބަހުންވެސް ވާހަކަ ދައްކަން ނޭނގޭ އެފަތުރުވެރިޔާ ޖަރުމަނުގެ ޕޮލިސް ސްޓޭޝަނަކަށް ދިޔައީ އޭނާގެ ވޮލެޓް ވަގަށް ނެގި މައްސަލަ ރިޕޯޓު ކުރާށެވެ. ނަމަވެސް، ވައްކަން ރިޕޯޓު ކުރާ ފޯމެއް ފުރުމުގެ ބަދަލުގައި އޭނާ އަށް އޮޅިގެން ފުރުނީ ޖަރުމަނުގެ ހިމާޔަތަށް އެދޭ ފޯމެކެވެ.
އެހެންކަމުން ކަމާ ބެހޭ ފަރާތްތަކުން ވަނީ އޭނާގެ ޕާސްޕޯޓު އަތުލުމަށް ފަހު، ރެފިއުޖީއެއްގެ ލިޔެކިޔުންތައްދީ ޖަރުމަނުގެ ހުޅަނގުގައި ހުންނަ ރެފިއުޖީ ކޭމްޕަކަމަށް އޭނާ ފޮނުވާފަ އެވެ. ކޭމްޕުގެ އޮފިޝަލުން ވަނީ އޭނާގެ އިނގިލީގެ ނިޝާން ނަގައި، މެޑިކަލްޗެކަޕެއް ވެސް ހައްދާފައި ކަމަށް ޖަރުމަނުގެ މީޑިއާތަކުގައިވެ އެވެ.
ކޭމްޕުގައި ތިބި އެހެން މީހުންނަށް މެންޑަރިން ބަހުން ވާހަކަ ދައްކަން ނޭނގުމުގެ ސަބަބުން ކޭމްޕުގައި ތާށިވެފައިވާ ހުންނަތާ 12 ދުވަސް ފަހުން ޗައިނާގެ ފަތުރުވެރިޔާއަށް އޭނާގެ ޝަކުވާތައް ކިޔާ ދެވުނީ ރެޑް ކްރޮސްގައި މަސައްކަތް ކުރާ މީހެއްގެ އެހީގައި، އެއްބަހުން އަނެއް ބަހަށް މީހާ ބުނާ އެއްޗެއް ބަދަލުކޮށްދޭ އެޕެއް ބޭނުން ކޮށްގެންނެވެ.
އޭގެ ފަހުން ޖަރުމަނުގެ އޮފިޝަލުން ވަނީ ޗައިނާގެ ފަތުރުވެރިޔާ އަށް އޭނާގެ ޕާސްޕޯޓް އަނބުރާ ދީފަ އެވެ. އަދި ޖަރުމަނުގެ ޓީވީ ޗެނަލަކުން ބުނި ގޮތުގައި އޭނާ ވަނީ ކުރިން އޭނާ ރާވާފައިވާ ފަދައިން އިޓަލީ އާއި ފްރާންސަށް ދިޔުމަށް ދަތުރު ފަށާފަ އެވެ. (ޓެލެގްރާފް)