މަސްތުވުމަށްޓަކައި ހެރޮއިން ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ހެރޮއިން އަތުގައި ބެހެއްޓިކަން ސާބިތުވެ މ. މުލައް، ހުސްނޫގޭ މުހައްމަދު ހަސަން ތިން އަހަރަަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މުހައްމަދު ހަސަންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމާއި ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ދައުވާއެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ 10 ސެޕްޓެމްބަރު 2010 ވަނަ ދުވަހު މާލެއިން ފުރައިގެން މުލަކަށް ދިޔަ ހެވީ ސްޕީޑް ލޯންޗެއްގައި މަސްތުވާތަކެތި އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ އެރަށަށް ބޭލި ފޮށިގަނޑު ބެލުމަށް ފުލުހުން މަސައްކަތް ކުރުމުން ފޮށިގަނޑު އެއްލާލި ވަގުތު އޭގައި ހުރި ޕޮޕް ދަޅެއްގެ ތެރެއިން ޕްލާސްޓިކް ގަނޑެއްގައި އޮތް 3.4156 ގްރާމްގެ ހައިޑްރޯލް ކެނަބިލޯލް އާއި 1.6657 ގްރާމުގެ ކެނަބިލޯލް ފެނިފައިވާ ކަމަށެވެ.

ދައުލަތުގެ ދައުވާއަށް މުހައްމަދު ހަސަން ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އަދި އޭނާ މަސްތުވުމަށް ކެނަބިސް ބޭނުންކުރި ކަމަށާއި އަދި ފުލުހުންނަށް ފެނުނު ތަކެއްޗަކީ އޭނާ މަސްތުވުމަށް ބޭނުންކުރި ތަކެތި ކަމަށް އިއިތުރާފުވެފައިވާ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.

މުހައްމަދު ހަސަން ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 115 ވަނަ މާއްދާގެ (ހ) އާ ހަވާލީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.