ގޫގްލްގައި ވަޒީފާ އަދާކުރާ އަންހެނަކު ޖޮގިންއަށް ގޮސް އުޅެނިކޮށް ބަޔަކު އޭނާ ރޭޕުކޮށް، ގައިގައި ހުޅު ޖަހައި، ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައިފި އެވެ.

ނިއު ޔޯކް ސިޓީގައި، ގޫގްލް ކުންފުނީގެ އެކައުންޓް މެނޭޖަރެއްގެ ވަޒީފާ އަދާކުރާ 27 އަހަރުގެ ވެނެސާ މާކޮޓް މަރުވެފައި އޮއްވާ ފެނުނީ، އޭނާ އާއިލާ ދިރިއުޅޭ މެސެޗުސެޓްސް ސްޓޭޓަށް ގޮސް އުޅެނިކޮށް، ވަލެއްގެ ތެރެއިންނެވެ.

ވެނެސާގެ ހަށިގަނޑު ފެނުނީ މެސެޗުސެޓްސްގެ ޕްރިންސްޓަންގެ ވަލެއް ތެރެއިންނެވެ.

މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ވެނެސާއަށް ހަމަލާދީ، އޭނާ މަރާލާފައި ވަނީ، މި ހަފްތާގެ އާދީއްތަ ދުވަހުގެ މެންދުު 1:00 އާއި ހަވީރު 4:00 އާ ދެމެދު ޖޮގިންއަށް ނުކުމެ އުޅެނިކޮށެވެ. އޭނާގެ ހަށިގަނޑު ފެނުނީ އޭނާގެ މަންމަ ދިރިއުޅޭ ގެއާ ގާތްގަނޑަކަށް ބައި މޭލު ދުރުންނެވެ.

މެސެޗުސެޓްސްގެ ފުލުހުން ބުނާ ގޮތުގައި ފެންނަ ފެނުމަށް ބަލާއިރު، ވެނެސާއަށް ޖިންސީ ގޯނާ ކޮށްފައި އެބަ ހުއްޓެވެ. އަދި އޭނާގެ ހަށިގަނޑުގެ ބައެއް ތަންތަނާޢި ދެ އަތާއި ދެ ފައިގައި، ހުޅު ޖަހާފައި ހުރި ކަމުގެ ނިޝާންތައް ހުރި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެހެން ނަމަވެސް އޭނާ މަރުވީ ކީއްވެގެންކަން ނިންމަން އަދި މާ އަވަސް ކަމަށާއި، ޔަގީންކަމާ އެކު ބުނެވޭނީ އޮޓޮޕްސީ ހެދުމުން ކަމަށް ފުލުހުން ބުނެ އެވެ.

ވެނެސާގެ މަރާ ގުޅިގެން ގޫގްލްއިން ނެރުނު ބަޔާނެއްގައި ބުނީ، ވެނެސާއަކީ ގޫގްލްގެ ނިއު ޔޯކް އޮފީހުގައި މަސައްކަތް ކުރާ، ގިނަ ބައެއްގެ ލޯބި ލިބިފައިވާ މުވައްޒަފެއް ކަމަށާއި އޭނާ މަރުވި ޚަބަރު ލިބުމުން ހައިރާންވެ، އެކަމާ ހިތާމަ ކުރާ ކަމަށެވެ.