09 Aug 2016, 09:30
ކަޝްމީރު(އޮގަސްޓް 9): ކަޝްމީރުގެ އިންޑިއާއިން ކޮންޓްރޯލްކުރާ ފަޅީގައި އިންޑިއާއާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން ފާއިތުވި ދެހަފްތާ ތެރޭގައި ކަޝްމީރުގެ އެތައް ހާސް ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް އިސް ފުލުހަކު ވިދާޅުވެއްޖެއެވެ.
އިންސްޕެކްޓަރ ޖެނެރަލް ސައީދު ޖަވައިދު މުޖުތަބާ ގިލާނީ ވިދާޅުވީ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ އެ މުޒާހަރާގެ ސަބަބުން 55 ކަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ.
ކަޝްމީރުގައި އޮންނަ އިންޑިއާގެ ވެރިކަމާ ދެކޮޅު ޖަމާއަތެއްގެ އިސް ކޮމާންޑަރެއްގެ ގަޔަށް މިދިޔަ މަހުގެ އަށް ވަނަ ދުވަހު އިންޑިއާ ފުލުހުން ބަޑި ޖަހާ މަރާލުމާ ގުޅިގެން އިންޑިއާއާ ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން ކުރާ މުޒާހަރާތައް ވަނީ އިތުރުވެފައެވެ. އޭގެ ސަބަބުން އިންޑިއާއިން ކަޝްމީރުގައި ކާފިއު އިއުލާން ކުރި ނަމަވެސް މުޒާހަރާތައް ހުއްޓުމަކަށް ނާދެއެވެ. އަދި ބައެއް މުޒާހަރާތައް ރޫޅާލުމުގެ ގޮތުން އިންޑިއާ ފުލުހުން ވަނީ އާއްމުންނާ ދިމާލަށް ރަބަރު އުންޑަ އާއި ކަރުނަ ގޭސް ޖަހައިފައެވެ.
އިންޑިއާއިން ވެރިކަން ކުރާ ކަޝްމީރު ފަޅީގައި އިންޑިއާއާ ދެކޮޅަށް 1989 ވަނަ އަހަރު ބައެއް ޖަމާއަތްތަކުން އިސް ނަގައިގެން ފެށި މުޒާހަރާތަކުގައި އާއްމުންނާއި އިންޑިއާ އަސްކަރިއްޔާއާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 68،000ށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. (އަލްޖަޒީރާ)