09 Aug 2016, 09:18
ރަންބީރު ކަޕޫރު އަދި ކެޓްރީނާ ކައިފް އެކުގައި ފެނިގެންދާ ފިލްމި "ޖައްގާ ޖާސޫސް" ރިލީޒްކުރާނެ ތާރީހު ކަނޑައަޅައިފިއެވެ.
އެ ފިލްމު ރިލީޒް ކުރުމަށް ފުރަތަމަ ކަނޑައެޅި ތާރީހަކީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުން ފިލްމުގެ ޝޫޓިންގ ކުރިއަށް ނުގެންދެވި ދެ ފަހަރެއްގެ މަތިން ވަނީ ފިލްމު ރިލީޒް ކުރާނެ ދުވަސް ކަނޑައަޅައިފައެވެ. ނަމަވެސް ދެން އިތުރަށް ލަސްނުވާނެ ކަމަށާއި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ފިލްމު ރިލީޒް ކުރާނެ ކަމަށް ފިލްމު ފައްދާ ފަރާތުން މިވަނީ ބުނެފައެވެ.
އަނޫރާގް ބާސޫގެ "ޖައްގާ ޖާސޫސް" އަކީ ރަންބީރު (ޖައްގާ) ގެ ބައްޕަގެ ގާތިލް ހޯދުމަށް އޭނާ އާއި އޭނާގެ ލޯބިވެރިޔާ ކެޓްރީނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ފިލްމު ރިލީޒް ކުރުން ލަސްވި ނަމަވެސް، "ޖައްގާ ޖާސޫސް" އަކީ ތަފާތު މޮޅު ފިލްމަކަށް ވާނެ ކަމަށް އަނޫރާގް ވަނީ ބުނެފައެވެ.