ސައިކަލު ޓެކްސީގެ ޚިދުމަތް މާލޭގައި ދިނުމަށް ކުރިމަތިލި ހަ ކުންފުނީގެ ތެރެއިން ދެ ކުންފުއްޏެއް އެ ޚިދުމަތްދިނުމަށް ހޮވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ޚިދުމަތް ދިނުމަށް ހޮވާފައިވަނީ ރައިޑްމޯލްޑިވްސް ޕްރައިވެޓްލިމިޓެޑާއި، ވީލް އެމްވީ ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ދެ ކުންފުނިން ސައިކަލު ޓެކްސީ ހިދުމަތް ދޭން ފައްޓާނީ ގަވައިދު ގެޒެޓް ކުރުމަށް ފަހު އެ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިމަހުގެ ތެރޭގައި ނޫނީ އަންނަ މަހުގެ ތެރޭގައި އެހިދުމަތް ދޭން ފެށޭވަރުވާނެ ކަމަށެވެ.

ހިދުމަތް ދިނުމަށް ލައިސަންސް ދިނުމުގައި މިނިސްޓްރީން އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޢާއްމުންނަށް އެންމެ ފަސޭހަކަމާއެކު، ރައްކާތެރި ގޮތަކަށް ހިދުމަތް ދިނުމަށް ހުށަހަޅައިފައިވާ ފަރާތްތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.